މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި، އައްޑޫ ސިޓީ ދާއިރާގެ އެމްޑީޕީ ރައީސް އަހްމަދް އަދުހަމަށް ކުނިވެފައި ހުރި ކާ އެއްޗިހި ދީފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.
އަދުހަމް ހައްޔަރު ކުރިފަހުން ޚަބަރެއް ނުވާތީ އޭނާގެ އާއިލާއިން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި އަދުހަމްގެ އާއިލާގެ މެންބަރަކު ބުނިގޮތުގައި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އަދުހަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާގެ ޚަބަރެއް ނުވެ ދުވަސް ތަކެއް ދިޔަ ކަމަށެވެ. ނަމަވެސް މިހާރު އާއިލާ އާއި ބައްދަލު ކުރޭވޭ ގޮތް ހަދާފައިވާ އިރު ވަކީލާއި ކޮންމެ ދުވަހަކުވެސް ބައްދަލު ކުރެވޭ ކަމަށެވެ.
އަދުހަމްގެ އާއިލާއިން ބުނީ އޭނާއަށް ދެ ދުވަހެއްގެ މަތިން ކުނިވެފައިވާ ކާއެއްޗެހި ގެނައި ކަމަށާއި ފުރަތަމަ ދުވަހު ގެނެސްފައިވަނީ ކުނިވެފައިވާ މަސްހުނި ކަމަށެވެ. އަދި އޭގެ ފަހުން އެއް ދުވަހު ކުނިވެފައިވާ އަލަނާސި ގެންދިޔަ ކަމަށް އާއިލާއިން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.
މީގެ އިތުރުން އަދުހަމް އާއި ދެންވެސް ހައްޔަރު ކުރި މީހުން ބޯން ހުންނަ ފެނަކީ ފާޚާނާ އިސްކުރުގައި ހުންނަ ފެންކަމަށާއި އެ ފެންބުއިމުގެ ސަބަބުން އަދުހަމްގެ ސިއްހީ ހާލު ދެރަވެފައިވާ ކަމަށެވެ.
"އަދުހަމް ހައްޔަރު ކުރީ ވަރަށް އަނިޔާވެރިކޮށް، އޭނާގެ ކޮނޑަށް އަނިޔާވެފައި ވާއިރު ފުލުހުންގެ ބަންދުގައި ހުރެ ބޭސްފަރުވާގެ ކަންތައް ހަމަޖެއްސި ކަމެއް އެނގޭކަށް ނެތް. ބޯފެން ސަކަރާތް ވެގެންވެސް ވަރަށް ބަލިވި" އަދުހަމްގެ އާއިލާގެ މެންބަރަކު ބުންޏެވެ.
އަދުހަމް ހައްޔަރުކޮށްފައިވަނީ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތި ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ އޮފީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޤާނޫނީ ވަކީލު މަހްފޫޒް ވިދާޅުވީ، އަދުހަމް ހައްޔަރުކުރި ވަގުތު ލިބުނު އަނިޔާގެ ސަބަބުން ކޮނޑު ހުޅަށް ގެއްލުން ވެފައިވާ ކަމަށާއި، ނަމަވެސް އެކަމަށް ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ފުލުހުން އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.