ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ނިމެން ކައިރިވެފައި ވާއިރު އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢު ފަށާ ވާހަކަ އެތައް ފަހަރަކު ސަރުކާރުގެ އިސްވެރިން ވަނީ ދައްކަވާފައެވެ.
އައްޑޫގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ އަދާ ނުކުރެވެނީ ސިޓީ ކައުންސިލްގެ ސަބަބުން ކަމަށް ބުނެ 2015 ވަނަ އަހަރުން ފެށިގެން އައްޑޫގެ މަގުތައް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އެހެން ނަމަވެސް އޭގެ ފަހުން ވެސް މަގުތައް ބެލެހެއްޓޭ ތަނެއް ނުފެނެއެވެ.
ކޮންމެ ފަހަރަކު ވެސް ދައުލަތުގެ ބަޖެޓަށް މަޖިލީހުގައި ބަހުސްކުރެވޭ އިރު އެ ބަޖެޓުގައި އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢަށް ފައިސާ ހިމަނައެވެ. އެހެން ނަމަވެސް އަހަރު ނިމިގެން ދަނީ އެ މަޝްރޫޢު ނުފެށިއެވެ.
އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ ސަރުކާރުގެ ބައެއް ވަޒީރުންގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށެވެ. ނުވަތަ އައްޑޫގެ މަގު ހެދުމަކީ ވަޒީރަކު އައްޑޫއަށް ވަޑައިގަންނަވާ ނަމަ މަގުގައި ހުންނަ ވަޅުގަނޑުތަކަށް ސިމެންތި އެޅުން ކަމަށް ވަނީ ވެފައެވެ.
އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ވާހަކަ ގިނަ ދުވަސްތަކެއް ވަންދެން ދެއްކުމަށް ފަހު 2017 ވަނަ އަހަރު އައްޑޫގެ 19 މަގެއްގައި ތާރު އަޅާ ވާހަކަ ސަރުކާރުން ދައްކަން ފެށިއެވެ. ނަމަވެސް 2017 ވަނަ އަހަރު ނިމުމަކަށް އައި އިރުވެސް އައްޑޫގެ އެއްވެސް އަވަށެއްގެ މަގެއް ތާރު އަޅައިގެން ހަދާކަށް ނުފެށެއެވެ. ނުވިތާކަށް ވެލި މަގުތައް މަރާމާތު ކުރުމަށް ވެސް އެއްވެސް މަސައްކަތެއް ކުރެވޭ ތަނެއް ނުފެނެއެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު ރައީސް ޔާމީންގެ ސަރުކާރުން ފާސްކުރި ކޮންމެ ބަޖެޓެއްގައި އައްޑޫގެ މަގު ހެދުމަށް ފައިސާ ހިމަނައެވެ. އެހެން ނަމަވެސް ބަޖެޓުގައި ހުންނަ ފައިސާ "ހުސްވެއްޖެ" ކަމަށް ސަރުކާރުން ހާމަކުރުމާއި ހަމައަށް ދާއިރު ވެސް މަގެއްގެ މަސައްކަތެއް ނުފެށެއެވެ.
ރައީސް ޔާމީނަށް "މަރުދޭ" މީހުން ގަބޫލުކުރަން ބޭނުން ނުވިޔަސް އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުމަކާއި ހަމައަށް މިދަނީ، އައްޑޫގެ މަގުތައް ހަދަން ނުފެށިއެވެ.