Last Updated: November 28, 06:03
Thursday, November 28, 2024
ރިޕޯޓް

"އޭލިއަނުން" ތަކެއްގެ މައްޗަށް ނެރުނު ކުއްލި ނުރައްކަލުގެ ހާލަތު!

ދުނިޔޭގެ އެއްވެސް ޤައުމެއްގެ ސަރުކާރަކުން، އޭލިއަނުން ތަކެއްގެ މައްޗަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ކަމެއް އެނގޭކަށް ނެތެވެ. ހަމަގައިމު ވެސް އެފަދަ ކަމެއް ދުނިޔޭގެ އެއްވެސް ގައުމަކުން ކުރިކަމުގެ އަޑެއް އަޅުގަޑު ނާހަމަވެ.

އެކަން ވެސް މިއޮތީ ދިވެހިރާއްޖެ އިން ކޮށްފައެވެ. ދުނިޔޭގެ ރިކޯޑު ފޮތުން ބަޔަކު ޖާގަ ދެންޏާ ހަމަ ދޭންވީއެވެ. އެކަން ކުރެއްވި ހާކިމާ އަށް އެވޯޑެއް ދެންޏާ ދޭންވީއެވެ. ފަހަރުގައި އަހަރެމެންނަށް އެ މަންޒަރު ފެނިދާނެއެވެ.

ދައްކަން މިއުޅެނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފަށް އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ވާހަކައެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރި ގޮތް "ރަނގަޅު" ކަމަށް ކިތަންމެ ހަރުއަޑުން ސަރުކާރު ހިންގާ ޕާޓީގެ "ޖެނެރަލް" ވިދާޅުވިޔަސް ޤާނޫނު އަސާސީގެ ބަނޑޭރި ގަނޑު ފެނުނު މީހަކު ވެސް އެވާހަކަ ޤަބޫލެއް ނުކުރާނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރާއި މެދު ސަރުކާރާއި މަޖިލިސް އަދި ސުޕްރީމް ކޯޓުން ވެސް ނިންމާފައި މިވަނީ އެއީ ރައްޔިތުން އަމަލުކުރަން ޖެހޭ އެއްޗެއް ނޫން ވާހަކައެވެ. ސަރުކާރުން ބުނާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރަކީ "ރައްޔިތުން ޢަމަލުކުރަން ޖެހޭ އެއްޗެއް ނޫން" ކަމަށެވެ.

އެހެން ނަމަވެސް "މިހާރު ހިނގައިގެން އުޅޭ ކަންތައްގަނޑުގެ ތެރޭގައި ހިމެނޭ އެންމެންގެ މައްޗަށް" ކުއްލި ނުރައްކަލުގެ ޤަރާރު ހިނގާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. "ހިނގައިގެން އުޅޭ ކަންތައް ގަނޑުގެ" ތެރެއިން ހައްޔަރުކޮށްފައި ތިިބި މީހުންނަށް ބަލަމާ ހިނގާށެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކާއި ކުރީގެ ރައީސެކެވެ. ސިފައިންނާއި ފުލުހުންނެވެ. ހަމަގައިމު ވެސް މީގެ ތެރޭގައި، ދިވެހިރައްޔިތުން ނޫން ބަޔަކު ނެތެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވާން ޖެހޭ ކަމަށް ބުނެފައިވެއެވެ. ރާއްޖޭގެ ރައީސަކަށް ވުމަށް ދިވެހިރައްޔިތަކަށް ވާންޖެހެއެވެ. ސިފައިންނާއި ފުލުހުންގެ ވަޒީފާއަށް ވެސް ކުރިމަތި ލެވެނީ ދިވެހި ރައްޔިތުންނަށެވެ.

ދިވެހިރައްޔިތުންގެ މައްޗަށް ނުހިނގާ ޤަރާރެއް މިއިން ބޭފުޅެއްގެ މައްޗަށް ހިނގަންޏާ އެބޭފުޅުންނަކީ "އޭލިއަނުން" ހެއްޔެވެ؟ ނުވަތަ ރާއްޖޭގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން މިއުޅެނީ އޭލިއަނުންތަކެއް މައްޗަށް ހެއްޔެވެ؟