ނިންޖަކީ ވެސް އަހަރެމެންގެ ހަށިގަނޑަށް ކާނާ، ފެން އަދި ވައި ބޭނުންވާ ފަދައިން ބޭނުން އެއްޗެކެވެ. އާއްމުކޮށް ނިދުމަށް ތަފާތު އުމުރު ފުރާއިގެ މީހުންނަށް އުނދަގޫ ތަކާ ދިމާވެ އެވެ.
މިގޮތަށް ނިދުމުގައި އުނދަގޫތަކެއްވާ ނަމަ ބައެއް އާދަތައް ބަދަލުކޮށްލަން ކޮންމެހެން ޖެހެ އެވެ. މިގޮތުން ނިދުމުގެ މީރުކަން އިހްސާސް ކުރެވެން ފަށާނެ އެވެ.
ތިރީގައި ބަޔާން މި ކުރާ ކަންތައްކަކީ ތިޔަ ބޭފުޅުންނަށް ފައިދާ ހުރި ކަންތަކެއް ކަމެއް ވާނެ ކަމަށް އުއްމީދު ކުރަމެވެ.
1. ނިދާ ގަޑި ނޫން ގަޑިތަކުގައި ނިދުން މަދު ކުރާށެވެ. އަދި މާ ގިނަ ވަގުތު ނިދުމުގައި ހޭދަ ނުކުރާށެވެ. މިއީ ވިސްނަން ޖެހޭ ވަރަށް މުހިންމު ނުކުތާއެކެވެ. ކޮންމެ ދުވަހަކު ހެނދުނު އެއް ގަޑިޔަކައް ތެދުވަން އާދަ ކުރާށެވެ. އެއީ ރޭގަނޑުގެ ބައެއްގައި ނުނިދުނަސްވެހެވެ.
ކޮންމެ ދުވަހަކު އާދަ ކުރުމުން ހަށިގަނޑުގެ ތަރުބީއްޔަތު އިސާހިތަކު ބަދަލުވެދާނެ އެވެ. އަދި ރޭގަނޑު ނިދި އައުން އަވަސް ވާނެ އެވެ.
2. ހަށިގަނޑު ވެސް ވަގުތާ އެއްގޮތަށް ބަދަލު ކުރެވިދާނެ އެވެ. އަލިކަމަކީ ވެސް ހަށިގަނޑު އާ ފެށުމަކުން ފަށްޓައި ދޭން އެހީތެރިވެދޭ ވަރަށް ބޮޑު ބާރެކެވެ. ހެނދުނު ތެދުވެ ބޭރަށް ނިކުމެލައި ހެނދުނުގެ އިރާ ސަލާމްކޮށްލައި އޭގެން ލިއްބައިދޭ ތާޒާ އަވިކޮޅުގެ ފައިދާ ނަގާށެވެ. އެހެން ނޫނީ ހޭލެވުމާ އެކު ކޮޓަރީގެ ހުރިޙާ ބޮކިތައް ދިއްލުމަށް ފަހު ކޮޓަރީގައި މަޑުމަޑުން ހިނގާލާށެވެ. ދިހަ ވަރަކަށް މިނެޓް މިގޮތަށް ތަކުރާރު ވުމުން ނިދީގެ ސަބަބުން ބަރުހެލިވެފައިވާ ގުނަވަންތައް ތާޒާ ވެގެންދާނެ އެވެ. އަދި ހުރިހާ ނާރުތަކުގެ ލޭހިގުން ހަމަޔަކައް އެޅިގެން ދާނެ އެވެ. އެއީ ސިކުޑި އަށް ތާޒާ އޮކްސިޖަން ލިއްބައި ދިނުމުގެ ސަބަބުންނެވެ.
3. ކަސްރަތަކީ ތިމާގެ އެކުވެރިޔަކައްހަދާށެވެ. ހެނދުނު ހެނދުނާ ކުރެވޭ ކަސްރަތުގެ ސަބަބުން މުޅި ދުވަހު މީހާ ތާޒާވެފައި ވެސް ހުންނާނެ އެވެ. ވީމާ ހެނދުނގެ ކަސްރަތަކީ ކިހާ މުހިއްމު އެއްޗެއްކަން މިހާރު ގަބޫލުފުޅު ކުރެއްވޭނެ އެވެ. ހާއްސަކޮށް ރޭގަނޑު ނިދަން އުނދަގޫވެއްޖެއްޔާ މިކަން ކުރައްވާށެވެ. ހަށިގަނޑު ތާޒާ ވާނެ އެވެ. ސައިންސްވެރިންގެ ހޯދުންތަކުން އެނގިފައިވާ ގޮތުން ނިދި މަދު މީހުން ދުވާލު މާ ހެލިފެލިވެ އެވެ. ހެނދުނު ފަތިހާ ތެދުވެ ހިނގާލުން، ޖޮގިން ކޮއްލުން، ފަތަން ދިޔުން ފަދަ ކަސްރަތަކުން މީހާ ހީވާގި ކަންލިބި މުރާލިވެ އެވެ. އަދި މެންދުރު ކޮންމެވެސް ވަރަކަށް ނިދަން ބޭނުން ވިޔަސް މިކަން ވެސް މާ ބޮޑު ކަމަކަށް ނުވެ އެވެ.
4. ރޭގަނޑުގެ ނިދި ރަނގަޅު ނޫން ކަމަށްވާ ނަމަ މެންދުރު ނިދުން އެހާ ރަނގަޅެއް ނޫނެވެ. މާ ގަދަ އަށް ނިދި އަންނަ ކަމަށް ވާނަމަ ތެދުވެ ހިގާލާށެވެ. ނޫނީ ކޮންމެވެސް މަސައްކަތެއް ފަށާށެވެ.
ކިޔަވާގަޑީގައި ނިދިއަންނަ ނަމަ ކޮންމެ 30 މިނިޓަކުން އެއް ފަހަރު ތެދުވެ ކުޑަކޮށް ހަށިގަނޑު ސީދާކޮށްލާށެވެ. މިގޮތުން ތާޒާ އޮކޮސިޖަން ސިކުނޑިޔައް ލިބި ހަށިގަނޑު ވެސް ތާޒާވާނެ އެވެ.
5. ނިދާ ގަޑި ވަކި ތާވަލެއްގެ ގޮތަށް ބައްޓަން ކުރާށެވެ. އާދަވެ އެއް ގަޑިއަކަށް ނިދަން އޮށޯވެވޭތޯ ބަލާށެވެ. އެއީ ނުނިދުނަސް ހެވެވެ. ކެއުން ވެސް ވަކިތާވަލެއްގެ ގޮތުން ކަންޏާ އެ ކާގަޑިއަކަށް ބަނޑުހައިވާނެ އެވެ. ނިންޖަކީ ވެސް މިފަދަ ހައިހޫނުކަމެކެވެ. އެއް ގަޑިއަކަށް އާދަވެ ނިދަން އޮށޯންނަ ނަމަ އެގަޑި ޖެހޭ އިރަށް ނިދި އަންނާނެ އެވެ. އެއީ ކާގަޑި ޖެހޭ އިރަށް ބަނޑުހައިވާ ފަދައިންނެވެ.
ރޭގަނޑު ފަސްގަޑި އިރުގެ ނިދި ނުލިބޭ ނަމަ ފަސްގަޑި އިރު ނިދުމުގެ ކުރިން އޮށޯންނާށެވެ. މިސާލަކައް ހެނދުނު 7:00 ޖަހާ އިރު ހޭލެވޭ ނަމަ ރޭގަނޑު 2:00 ޖަހަން ދެން ނިދަން ނުއޮށޯންނާށެވެ. ދޭތެރެ މެދުން ކުޑަވަގުތުކޮޅުތަކުގައި ނުނިދާށެވެ. ދެން މަޑުމަޑުން ގަޑި ބަދަލު ކުރަމުންދާށެވެ. ގައިމު ކޮންމެވެސް ބަދަލެއް ފެންނާނެ އެވެ.
ނިދާ ގަޑި ކައިރިވެފައި ހުއްޓައި އެއްވެސް ކުރިއަށް ހުރި ޕްރޮގުރާމްތަކެއް ނުރާވާށެވެ. މާނައަކީ ބޮޑެތި ކަންތައް ކުރަން ނުވިސްނާށޭ އެވެ. ނިދުމުގެ ކުރިން ރީތިކޮށް ފެންވަރާ ސާފުވެލާށެވެ. އަދި ސިކުނޑީގެ ބަރުހެލިކަން ދުރުކޮށް ލުމައް މަޑުމައިތިރި ލަވައެއް އަޑު އަހާލާށެވެ. ނޫނީ ކޮންމެވެސް ހިތްހަމަޖެހޭ މާ ދިގު ނޫން ޓީވީ ޕްރޮގްރާމެއް ބަލާލާށެވެ. ނިދާ އެނދުވެސް ވަރަށް ސާފު ތާހިރު ކުރަން ވާނެ އެވެ.
ނިދުމުގެ ކުރިން ފެންވެރުމަކީ މުޅި ހަށިގަނޑައް ވަރަށް ބޮޑު ތާޒާކަމަކާއި އަރާމު ލިއްބައިދޭ ކަމެކެވެ. ނިދުމުގެ ކުރިން އާދަވެ ފެންވަރަން ބޭނުން ނަމަ ކޮންމެހެން އިރާކޮޅު ފެންނުވެރިޔަސް އެންމެ ރަނގަޅެވެ.
* އަރާމު ނިންޖަކަށް ދަހިވެތިވާ ނަމަ ކުރެވިދާނެ ކަންތައް:
* ގަލަމަކާ ހުސްގަނޑެއް ނަގާށެވެ. އޭގެ ފަހުގައި ސިކުނޑީގައި ބަރުހެލިވެހައިވާ ކަންތައް އޭގައި ނޯޓްކޮށްލާށެވެ. އަދި ސިކުނޑިން އެބައި ފޮހެލެވޭތޯ މަސައްކައް ކުރާށެވެ. އަދި ހޭލެވުމާއެކު ފެންނަ ހިސާބެއްގައި އެ ބަހައްޓަން ހަދާން ކުރާށެވެ.
* ރަނގަޅަށް މޯޅިއަކަށް ދެމިލައި ހަށިގަނޑު ސީދާކޮށްލާށެވެ. ބައެއް މީހުންނަށް މިކަމުން ވެސް ވަރަށް ބޮޑު ލުއެއް ހަށިގަނޑަށް ލިބިދެވޭކަން ހޯދުންތަކުން ދޭހަ ވެފައިވެ އެވެ.
* ސައިންސްވެރިން ބުނާ ގޮތުން ވެއްޖެއްޔާ ރޭގަނޑު އަރާމު ނިންޖެއް ބޭނުން ނަމަ ދުވާލުގެ ކެއުން ބަހައްޓަން ވާނީ މެދު މިންވަރަކަށެވެ. އަދި ރޭގަނޑުގެ ކެއުން ކާން ޖެހޭނީ ނިދުމުގެ އެންމެ މަދުވެގެން 4 ގަޑިއިރު ކުރިންނެވެ. އެއީ އަޅުގަނޑުމެންގެ ސިސްޓަމް އެ ކާއެއްޗެތި ހަޖަމު ކުރުމަށް ވަގުތު ދިނުމަށްޓަކަ އެވެ.
* ކުޑަކޮށް ހޫނު ކިރުތަށްޓަކީ ވެސް ނިދުމަށްޓަކައި އިންސާނާ އަށް ވަރަށް ބޮޑު ރޯލެއް ކުޅެދޭ އެއްޗެކެވެ. އެއީ ކިރުގައި އެ މައިނޯ އެސިޑު ކިޔާ މާއްދާއެއް އެކުލެވޭ ކަމަށްޓަކަ އެވެ. މި މާއްދާގެ ސަބަބުން ސިކުޑި ނިދުމައްޓަކައި ތައްޔާރުވެ އެވެ. ނިދުމުގެ އެއްގަޑި އިރު ކުރިން ކިރުތަށްޓަކާ އެކު ކުޑަޕާންކޮޅެއް ފަރިއްކުޅުއްވާށެވެ.
* ކެފެއިން އެކުލެވޭ އެއްވެސް އެއްޗެއް ރޭގަނޑު ބޭނުން ކުރުން ބުއްދިވެރިއެއް ނޫނެވެ. ކޮފީ، ސައި، ޗޮކްލެޓް ފަދަ ބާވަތްތަކަކީ މީހާ ހޭލާ ހުންނަން ބޭނުން ކުރެވިދާނެ ބާވައްތަކެވެ.
* އަލްކަހޯލްގެ ސަބަބުން ވެސް މީހާގެ ނިދުމައްމައްސަލަ ޖެހެ އެވެ. އާއްމުކޮށް ޑްރަގުސް ބޭނުން ކުރާ މީހުންނަށް މި އުނދަގޫ އިހްސާސް ކުރެވޭނެ އެވެ. ގިނަ ފަހަރަށް ނިދުމަށްޓަކައި އެ މީހުންނަށް ޑްރަގުސްގެ ޑޯޒްތައް ބޭނުން ކުރަން ޖެހެ އެވެ. އެ ވަރުން ވެސް ފުރިހަމަ ނިންޖެއް އެމީހުންނަށް ނުލިބޭނެ އެވެ. ދޭތެރެ ދޭތެރެއިން ހޭލެވި އެ މީހުން ބިރުގަންނަ ގޮތްވެ އުނދަގޫ އިހްސާސް ކުރަން ޖެހެ އެވެ.
* ނިދުމަށްޓަކައި ބޭނުން ކުރާ އެއްމެ އާއްމު ބޭހަކީ ބެންޒޮޑިއަޒެފިން ހިޕްނޮޓިކްސް އެވެ. ކަންތައް ތައް ހަނދާން ނެތޭ ގޮތް މެދުވެރިވެ އެވެ. ގިނަ ފަހަރަށް މި ބޭހުގެ ސަބަބުން ވަގުތީ ފަރުވާ އެއް ލިބުނަސް އޭގެ ސައިޑް އިފެކްޓްސް ވަރަށް ގިނަ ވާނެ އެވެ. މިސާލަކަށް މި ބޭސް ނެތި ނިދަން އުނދަގޫވުން އަދި ކުރިއަށް ވުރެ ބޮޑަށް ނިދުމުގެ ކަންތަކާ މައްސަލަ ޖެހުން ވެސް މި ބޭސް ބޭނުންކޮށްފަައި ހުއްޓާލާ މީހުންނަށް މެދުވެރިވެ އެވެ. އަދި އެމީހުން ތިބޭނީ ދުވާލުގެ ވަގުތުގައި ވެސް ނިދި އަންނަ ގޮތްވެ ބޯ އަނބުރައިގެންފަ އެވެ. އަދި ބައެއް ފަހަރަށް ވެއްޓޭ ގޮތް ވެސް މެދުވެރި ވެދެ އެވެ.
* ނިދުމަށްޓަކައި ނިދާތަން ވެސް އަޅުގަނޑުމެން ތައްޔާރު ކުރަން ޖެހޭނީ ވަކި ގޮތަކަށެވެ. ފުރަތަމަ ކޮޓަރީގެ ފިނި ހޫނުމިން ބަލާލަމާތޯ އެވެ؟ ފިނި ކޮޓަރިއެއް ނަމަ 65- 70 ގައި ޓެމްޕަރޭޗަ ބެހެެއްޓުން ރަނގަޅުވާނެ އެވެ. މިވަރުން ވެސް ބުލެންކެޓަކުން ހަށިގަނޑު ނިވާކޮއްލާށެވެ. އަދި އަރާމު ވާގޮތަށް ބާލީސް ކައިރީގައި ލަފާލާށެވެ. ކޮޓަރީގެ ތެއްފިނިކަން ހަމަޔަކަށް އެޅުމަށް ފަންކާ ޖަހާ ތަނެއް ނަމަ ކުޑަދޮރެއް ހުޅުވާފައި ބެހެއްޓުން ރަނގަޅު ވާނެ އެވެ.
ބައެއްބޭފުޅުން ނައް ނިދުމަށްޓަކައި ކޮންމެވެސް އަޑެއް ބޭނުންވެ އެވެ. އަނެއް ބައި ބޭފުޅުންނަށް ނިދުމަށްޓަކައި އެއްވެސް ކަހަލަ އަޑެއް ހުރުމުން އުނދަގޫ ވެ އެވެ. ބައެއް ބޭފުޅުންނަށް ހުސް އެކަނި މަޑު މިޔުޒިކެއް ވެސް ނިދާގަޑީގައި ބޭނުން ވެ އެވެ. މިކަހަލަ މިޔުޒިކަކީ ހަމަ ހާއްސަކޮއް ނިދަން ފަސޭހަވެސް މިޔުޒިކް ކަމައް ބައެއް ބޭފުޅުން އިއުތިރާފުވެ އެވެ.
ނިދާ ގަޑީގައި އަޑެއް އިވިގެން ހޭލެވިދާނެ ކަމުގައި ވަނީ ނަމަ ކަންފަތުގައި ތަންކޮޅެއް ބޮޑު ދެ ކަފަކޮޅު ޖަހާށެވެ. އޭރުން އެކަންތައް ރަނގަޅު ވާނެ އެވެ.
* ނިދަން އުނދަގޫވުމާ މެދު މާ ބޮޑަށް ވިސްނާ ފިކުރު ކުރެވޭ ނަމަވެސް މި ކަންތައް މާބޮޑު ކަމަކަށް ވެދާނެ އެވެ. ހަމަ ކަށަވަރުން ނިދި ހަލާކުވުމުގެ ސަބަބުން މީހާގެ ފުރާނަ އަށް ނުރައްކަލެއް ނުވާނެ އެވެ. ނިދަން އުނދަގޫވުމަކީ އާއްމު ގޮތެއްގައި އަޅުގަޑުމެންގެ ނަފްސާނީ މައްސަލައެކެވެ.
ނޫނީ އެއީ ފުނިޖެހިފައިވާ ކަންތަކެއްގެ ސަބަބުން ވެގެން އުޅޭ ގޮތެކެވެ. މިސާލަކަށް ކަމަކާ މާ ބޮޑަށް ދެރަވުން، ފިކުރު ބޮޑުވުން، ފައިސާގެ ދަތިކަން އޮތުން، ތިމާގެ މީހުންނާ އޮންނަ ގުޅުން ވެސް މިކަމުގައި ހިމެނެ އެވެ.