ދިވެހިރާއްޖޭގެ ސަލާމަތީ "ބާރުތަކުން" ޤާނޫނަށް ބަލަން ތިބެގެން ނުވާނެ ކަމަށާއި އެބޭފުޅުން އަމަލުކުރަން ޖެހޭނީ ސަލާމަތީ "ބާރުތަކުގެ" އެންމެ އިސްވެރިޔާ އަންގަވާ ގޮތަކަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ފަރާތުން ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ގެންނަން އުޅުނު "ބަޣާވާތުގެ" ސަބަބުން ގައުމު ވެއްޓިގެން ދިޔަ ހާލަތާއި އެކު ޤާނޫނު އަސާސީގައި ކަން އޮތް ގޮތް ބަލަން ޤައުމުގެ ކަންކަން ބަލާ ސުލްޙަ ޤާއިމު ކުރަން ތިބި، "ސަލާމަތީ ބާރުތަކަށް" ނުތިބެވޭނެ ކަމަށާއި އޭގެ ބަދަލުގައި "ސަލާމަތީ ބާރުތަކުން" ޢަމަލުކުރަން ޖެހޭނީ އެ ވަގުތަކު "ސަލާމަތީ ބާރުތަކުގެ" އެންމެ އިސްވެރިއަކަށް ނުވަތަ ދައުލަތުގެ ވެރިއަކަށް ހުންނަ ބޭފުޅެއްގެ އަމުރަށްކަމަށެވެ.
ރައީސް ޔާމީން މިހެން ވިދާޅުވި ނަމަވެސް، ޤާނޫނު އަސާސީގެ 245 ވަނަ މާއްދާގައި ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކަށް ޣައިރު ޤާނޫނީ އަމުރެއް ކޮށްގެން ނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް އަމުރަކަށް ތަބާވާން ނުޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
އަދި މީގެ އިތުރުން ސިފައިންނާއި ފުލުހުން ހުވާގައި ވެސް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ހިމާޔަތް ކުރާ ވާހަކަ ބަޔާންކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.