ވާރޭ ވެހުމުން ފޭދޫގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި ގާއިމު ކުރާ ފެންހުންދާ ނިޒާމްގެ މަޝްރޫއު ފިނޭންސް މިނިސްޓްރީން ބީލަމަށްލައިފި އެވެ.
އެ މިނިސްޓްރީން ބުނީ މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް ބިށް ހުށަހެޅުމުގެ ފުރުސަަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަަން ޖެހެ އެވެ.
ބީލަން ފޮތް ސޮފްޓްކޮޕީ ފޯމެޓްގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.
މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ އަގަކީ 100،000ރ. އެވެ.
ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
ޕަފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ 5 ޕަސަންޓެވެ އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސަންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް ފިނޭންސުން ބުންޏެވެ.
ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 19 ގަ އެވެ.
ފޭދޫ ފެން ހިންދާ ނިޒާމް ގާއިމު ކުރުމަށް ސާވޭގެ މަސައްކަތްކޮށްފައި ވަނީ ވޯޓާ ސޮލިއުޝަނުންނެވެ.