ބަނގުރާ ބުއިމުގެ ކުށް ސާބިތުވި މީހަކު ޖޫރިމަނާކޮށް ދުއްރާއިން ތެޅުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ގއ.ކަނޑުހުޅުދޫ/ކާށިގެ، އަމީތް އަލީ 40 އެތިފަހަރު ދުއްރާއިން ތެޅުމަށާއި /-5400 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
ފެބްރުއަރީ މަހުގެ 25 ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުގައި ބަނގުރާ ބުއި ކަމަށް ޝަރީޢަތުގެ މަޖިލީހުގައި އަމީތް ވަނީ އިއުތިރާފްވެފައެވެ.
މީގެ ކުރިން 2017 ވަނަ އަހަރުގެ ތެރޭގައި ވެސް ބަނގުރާ ބުއި މީހަކު 40 އެތިފަހަރު ދުއްރާއިން ތެޅުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
އެހެންނަމަވެސް އެ ހުކުމާއި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރި ކަމެއް ނުވަތަ ނޫންކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
2016 ވަނަ އަހަރުގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ރާއްޖޭގެ ކޯޓުތަކުގައި ބޭނުން ކުރުމަށް 20 ދުއްރަ ހޯދަން އިއުލާން ކުރިއެވެ. އޭރު ޑީޖޭއޭ އިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން "ދުއްރައިގެ ލެދާ އިން ހަދާބައިގެ، ލެދާގެ އެތެރެއަށް ދެ ކީސްތިލަ ލައްވާފައި، އެއް ކީސް ތިލަ މުއްގަނޑާ ހަމައަށް ހުރުން އަދި އަނެއް ތިލަ މެދުގެ ހަންފަށަލައިގެ ދެ ފަރާތަށް ލައްވާފައި ހުންނަން" ޖެހޭނެއެވެ.