އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިއްޖެ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުނެފައިވާ މައްސަލައިގައި ދިވެހި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ތާއީދުކޮށް އައްޑޫ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވާހަކަ ދައްކަވައިފި އެވެ.
ޖަޕާން ސަރުކާރުގެ ވާހަކަތައް ދޮގުކޮށް ރާއްޖޭގެ ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އުތުރުކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގީ ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަމަށް ވާހަކަ ފެތުރިއަސް އޭގައި ހަގީގަތެއް ނެތް ކަމަށެވެ. ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެންބަރުންނާއި ވަޒީރުން ވެސް ގެންދަވަނީ މި މޭރުމުން ވާހަކަ ދައްކަވަމުންނެވެ.
"ކޮންމެ ބަޔަކަށް ވެސް ގައުމެއްގެ ދިދަ ޖަހައިގެން ވަގަށް އުޅެވިދާނެ. ޖަޕާނުން ކީއްވެތޯ ދެ ބޯޓު ނުހުއްޓުވީ" ޝަރީފް ވިދާޅުވިއެވެ.
Komme bayakah ves gaumeh ge dhidha jahaigen vagah ulhevidhaane. Japan in thi 2 boatu nuhutuvee keevve. Adhi vagu viyafaari kuriyah engi thibe gendhiya dhinee keevve. Boatu confiscate nukuree keevve? Suvaalu ufedhey.
— Ibrahim Shareef (@AdduShareef) February 28, 2018
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮންމެ ބަޔަކަށް ވެސް ގައުމެއްގެ ދިދަ އެއް ޖަހައިގެން ވަގަށް އުޅެވިދާނެ ކަމަށެވެ. އަދި ޖަޕާނުން އެ ދެބޯޓު ނުހުއްޓުވީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.
ޝަރީފްގެ މި ޓްވީޓާއި ގުޅިގެން އިނގިރޭސިވިލާތުގައި ކުރިން ހުންނެވި ދިވެހި ސަފީރު ޑރ.ފަރަހަނާޒް ފައިސަލް ވަނީ ޝަރީފަށް ރައްދު ދެއްވާފައެވެ. އެއާއި އެކު ޝަރީފް ވަނީ ""މީހަކު ދެކެ ރުޅި އަޔަސް ޤައުމު ހަލާކު ކުރަން އުޅޭކަށް ނުވާނެ" ކަމަށް ވިދާޅުވެފައެވެ.+
ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. ފަރަހަނާޒް ވިދާޅުވެފައި ވަނީ މަސައްކަތްޕުޅު ކުރައްވަނީ ޝަރީފު އުފެއްދެވި ސުވާލަށް ޖަވާބު ދެއްވުމަށް ކަމަށާއި އަދި ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނު ވިދާޅުވުމަށް ޝަރީފް ކިބައިން އެދިވަޑައިގަންނަވާ ކަމަށެެވެ.
އޭގެ ފަހުން ވެސް ޝަރީފް ވަނީ އުތުރުކޮރެއާގެ ޓޭންކަރަކާއި އެކު އެކު ވަގު މުއާމަލާތްތަކެއް ހިންގާފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޓޭންކަރަކުން ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.