ހިތަދޫގެ އިތުރުން އައްޑޫއަށް ނިސްބަތްވާ ގިނަ ބައެއްގެ އިހްތިރާމާއި ލޯބި ލިބިފައިވާ، ވިޔަފާރިވެރިޔާ އަލީ އަބްދުﷲ މަރާލިތާ މިއަދަށް 2 އަހަރު ވީއެވެ.
އަލީގެ މަރަށް އިންސާފު ލިބުމަށް އެދި ހުވަފަތްވެފައިވާ އަންހެނަކާއި ދަރިފުޅު އިންސާފު ލިބުމަށް އެދި އާދޭސް ކުރަނީއެވެ.އެމީހުންގެ އަޑު އިވޭ މުއައްސަސާއެއް ނުވަތަ ބަޔަކު ވެސް އެއިން މުއައްސަސާއެއްގައި ނެތީއެވެ.
އަލީ އަބްދުﷲގެ މަރުގެ މައްސަލައިގެ އިންސާފު ހޯދައިދިނުމަށް އެދި އައްޑޫއަށް ނިސްބަތްވާ ގިނަ ބަޔަކު މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރިއެވެ. އެހެން ނަމަވެސް މިއަދު އެމީހުންގެ އަޑު ވެސް މަޑުވެއްޖެއެވެ.
ޚާއްސަ ގޮތެއްގައި އަލީގެ އެއްބަނޑު އެއްބަފާ މީހުންގެ އަޑެއް މިހާރު އެއްގޮތަކަށް ވެސް ނީވެއެވެ. އެކަމާއި ގުޅިގެން އެއްބަޔަކު ދަނީ، އަލީގެ މަރުގެ މައްސަލަ އަށް ފަސްއަޅައި ފޮރުވާލަން އާއިލާގެ ބަޔަކު ބޭނުންވަނީތޯ ސުވާލު އުފައްދަމުންނެވެ.
އަލީގެ ދަރިފުޅާއި ހުވަފަތްވެފައިވާ އަނބިމީހާ އެވާހަކަ އާއި މެދު އެއްޗެއް ބުނަން ބޭނުން ނުވިޔަސް، އަލީގެ އާއިލާގެ މީހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ވާހަކަ އެމީހުން ދޮގެއް ނުކުރެއެވެ.
އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އަލީގެ އެއްބަނޑު އެއްބަފާ މީހުން ދަނީ އަލީގެ ދަރަނިތައް އަދާކުރުމައި ބައިވެރިނުވާނެ ކަމަށް ބުނެ ކޯޓުގައި އެކަމަށް ދެކޮޅު ހަދާފައެވެ. އޭގެ ތެރޭގައި އަލީގެ މަރުގެ މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ، ސ.ހިތަދޫ ހެޕީ ފިއުޗަރ، އަހްމަދް ދީދީގެ މަންމަ ހިމެނެއެވެ. އަހްމަދް ދީދީގެ މަންމަ އަކީ އަލީގެ ދައްތައެކެވެ.
އަހުމަދުގެ މައްޗަށް ކުރާ "އެނގި ހުރެ މީހަކު މެރުމުގެ" ދައުވާގެ ފުރަތަމަ އަޑުއެހުމަކަށް ވެސް ނޫސްވެރިންނަށް އަދި އާންމުންނަކަށް ވެސް ނުވަދެވެއެވެ. އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
އަލީ އަބްދުﷲ މަރާލި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ، 23 ނޮވެމްބަރ 2016 ގައެވެ. އޭގެ ފަހުން އެ މައްސަަލައިގެ އަޑުއެހުމެއް ބޭއްވި ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.
އަލީ މަރާލި މައްސަލައިގެ ޝަރީޢަތް ކުރިއަށްދާ ސްޕީޑާއި މެދު އަލީގެ އާއިލާ އާއި ގިނަ އައްޑޫ ރައްޔިތުން ތިބީ މާޔޫސްވެފައެވެ. އެހެން ނަމަވެސް އަލީގެ މަރުގެ މައްސަލަ އިންސާފުވެރިކަމާއި އެކު ނިމިގެންދާނެކަމުގެ އުއްމީދު އެމީހުން ގެއްލުވައެއް ނުލައެވެ.