Last Updated: November 25, 21:09
Monday, November 25, 2024

(އެޕްރީލް 9، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ހިތުގެ ހަމަޖެހުމަކީ ހަމަ ކަލާ އެވެ. އަތުގައި މަގޭ ހިފާލަ ދޭށެވެ. ބޭނުން ޖެހިފައިވާ ނިކަމެތިޔަކީމެވެ.

ކާސިމްބެގެ ލަވައިން ހުރިހާ އެންމެން އަތްތިލަ ބަޑި ޖަހަން ފެށި އެވެ. މަރިޔަމްފުޅު މޫނުގައި އަތް އަޅާފައި ދުވެ ގޮސް ގޭތެރެ އަށް ވަނެވެ.

ހުސްނާ ވެސް ހިނިތުންވެލަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެ ވަގުތު އޭނާގެ ފަޔަށް ކުއްލި ބުރޭކެއް ޖެހުނުހެން ހުއްޓެވިއްޖެ އެވެ. އޭނާގެ ލޯބިވާ ދަރިފުޅު ސާރާ އެއް ކަނެއްގައި ހިމޭންކަމާ އެކު މަރިޔަމްފުޅުމެންގެ މަޖާ ވާހަކަ އަޑު އަހާފައި ހިނިތުންވެގެން އިންތަން ފެނިފަ އެވެ. އާއްމު ގޮތެއްގައި ސާރާއަކީ ވަރަށް އެކަނިވެރިކޮށް އުޅޭ ކުއްޖެކެވެ.

"ސާރާ…ދަރިފުޅު މާމަޑުން ތިއިނީ ކީއްވެ؟" ހުސްނާ ސާރާ ކައިރީ އިށީނދެ އިން ގޮޑީގެ އެއްކޮޅުގައި އިށީނދެ ސާރާގެ ބޮލުގައި ފިރުމާލި އެވެ.

"މަންމާ… ނިކަން ސާރާ އަށް މި ފެންނަ މަންޒަރު ސިފަކޮށް ދީބަލަ…މަންމަ ލައިގެން ތި އިނީ ކޮން ކުލައެއްގެ ހެދުމެއްތަ؟" ސާރާގެ ރިހުން އެކުލެވިފައިވާ މި ވާހަކަ އަޑު އިވުމުން ހުސްނާގެ ލޯ ފެންކަޅިވި އެވެ.
ކުޑަ އިރު ވެސް އަބަދުވެސް އޭނާ ޝަކުވާ ކުރެ އެވެ. އެއްބައި ފަހަރަށް އޭނާ ހިމޭންވެ އެވެ.

"މަގޭ ދަރިފުޅާ…ﷲ މަންމަގެ ލޮލުގެ ނޫރު ދަރިފުޅަށް ދެއްވާށި… މަންމަ ލައިގެން މި ހިރީ މަޑުފިޔާތޮށި ކުލައިގެ ހެދުމެއް." އެވަގުތު ހާލިދާ ސޫރަޖްގެ އަތުގައި ހިފައިގެން ހުސްނާމެންގެ ދެމައިން ކައިރި އަށް އަ އެވެ.

"ސޫރަޖް… ނިކަން ސާރާ ކޮއްކޮ އަށް މިފެންނަ ކަންތައް ސިފަކޮށް ދީބަލަ." ހުސްނާ ސޫރަޖުގެ ކައިރީ މިހެން ބުނަމުން އޭނާގެ އަމިއްލަ ލޯ ފޮހެލި އެވެ.

ސޫރަޖް ސާރާގެ އަތުގާ ހިފައިގެން މަޑުމަޑުން ހިނގައިގަތެވެ. ބަގީޗާ އާ ދިމާލަށެވެ.

އެ ދުވަސް ފަހުން ސާރާ އާ އެކު ކުޅެން ކޮންމެ ދުވަހަކު ސޫރަޖް ނަސީބުގެ އަށް އާދެ އެވެ. އަދި ތަފާތު އެތައް އެއްޗެއް ސާރާ ޔަށް ކިޔައި ދެ އެވެ. ކުލަތަކާ ބެހޭ ގޮތުންނެވެ. ވައިރޯޅި ސިފަކޮށް ދީފަ އެވެ. ގަސްތަކާއު މާމެލާމެލި ސިފަކޮށް ދީފަ އެވެ. ރޭގަނޑާއި ދުވާލު ސިފަކޮށް ދީފަ އެވެ.
ދޫނިތަކުގެ ވައްތަރު ކިޔައިދީ ހަދަ އެވެ. ބައެއް ފަހަރު ސާރާ ބިރުގަންނަވާ ވެސް ހަދަ އެވެ. މިކަމުން ސޫރަޖް އުފާ ލިބި ގަނެ އެވެ. ސާރާގެ ތަންތަން ބަލަނީ ސޫރަޖްގެ ލޮލުންނެެވެ. ސޫރަޖް ގެ އަށް ދާން އުޅޭ ކޮންމެ ފަހަރަކު ސާރާ ރޮއެ ހަދަ އެވެ. އަވަހަށް އަންނާނެ ކަމަށް ބުނުމުން ހިތާ ދެކޮޅަށް އެއްބަސް ވެ އެވެ.

ދުވަސްތައް ހަފްތާތަކަށް ހަފްތާތައް މަސްތަކަށް މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔަ އެވެ.

މިއަދު ސާރާއަކީ 12 އަހަރުގެ ރީތި ކުޑަ އަންހެން ކުއްޖެކެވެ. އުމުރުން 12 އަހަރަސް ބަލާބެލުމަށް ހީވާނީ ފަނަރަ ސޯޅަ އަހަރުގެ އަންހެން ކުއްޖެއްހެނެވެ. ސާރާއަކީ ރީތިކަމުގެ ވެސް މިސާލެއް ނެތް ފަދަ އަންހެން ކުއްޖެކެވެ. އޭނާގެ މަންމަގެ ރީތިކަން ގުދުރަތުން އޭނާ އަށް ވަނީ ހަދިޔާ ކުރައްވާފަ އެވެ.. ނުދަންނަ މީހަކަށް ސާރާއަކީ ލޯފަން ކުއްޖެއް ކަމެއް ނުވެސް އެނގޭނެ އެވެ.

ސޫރަޖަކީވެސް މިއަދު 17 އަހަރުގެ ބޮޑު ފިރިހެން ކުއްޖެކެވެ. މިހާރު ކުޑަ އިރު ދާހެން މާ ބޮޑަށް ސާރާ ކައިރި އަށް ދާކަށް ސޫރަޖް އަކަށް ނުކެރެ އެވެ. އެކަމަކު މިއަދު ސޫރަޖް ސާރާ އާ އެކު ހޮސްޕިޓަލަށް ދާނެ އެވެ. ސާރާމެން ވެސް އިންތިޒާރު ކުރަމުން އައީ މިދުވަހަށެވެ.

ހުސްނާ އާއި ކަރީމު ވެސް ތިބީ ހިމޭންވެފަ އެވެ. ޑޮކްޓަރުން ދިން އެއްވެސް ބޭހަކުން މިއަދާ ހަމައަކަށް ސާރާ އަށް ކުރި އަސަރެއް ނެތެވެ. މިއަދު މިއީ ޑޮކްޓަރު އޭނާގެ އެންމެ ފަހުގެ ނިންމުން ނިންމާނެ ދުވަހެވެ.

ޑރ. ސަލީމު ސާރާގެ ކޭސް ސްޓަޑީ ކުރެއްވި އެވެ. އަދި ހިމޭނުން އިނދެ ވިސްނަން ފެށި އެވެ.

"އައްސަލާމް އަލައިކުމް" ކަރީމްގެ އަޑުން ޑރ. ސަލީމު ސިހިފައި އިސް އުފުލާލި އެވެ.

"ވައަލައިކުމުއްސަލާމް. ކަރީމު ދުރުވޭ ދުރުވޭ." ޑރ. ސަލީމު ހުންނެވީ ވަރަށް ހާސްވެފައިކަން ދެނެގަންނާކަށް މާކަ އުނދަގުލެއް ނުވި އެވެ. އެހެނަސް އޭނާ ވަރަށް ހަމަޖެހޭ ގޮތް ދައްކަން މަސައްކަތް ކުރަމުން ދިޔަ އެވެ.

ސާރާ ވެސް ހުސްނާގެ އަތުގައި ހިފައިގެން ބައްޕަގެ ފަހަތުން ގޮސް ބަލި މީހުންނަށް ހާއްސަ ކުރެވިފައިވާ ގޮޑީގައިއި ށީނެވެ. ސޫރަޖް ވެސް ބަލި މީހުން ބާއްވާ އެނދު ކައިރީ ކޮޅަށް މަޑުކޮށްލި އެވެ. ޑޮކްޓަރު ހިމޭންކަމާ އެކު ސާރާގެ ލޯ ޗެކްކުރެއްވި އެވެ. އަދި އޭނާގެ ގޮނޑީގައި ހަމަޖެހިލަމުން ކަރީމްމެންނާ ދިމާއަށް ބަލާލާފައި ހިނިތުން ވެލި އެވެ. އަދި މޭޒުމަތިން ރިޕޯޓެއް ނަގައި ހުޅުވާލި އެވެ.

"ކަރީމު…ސާރާގެ ލޯ ރަނގަޅު…"

"އަޅުގަނޑުގެ ލޯ ރަނގަޅު ވާނެ ދޮގެއްތޯ… ޑޮކްޓަރު." ކެތްތެރިކަން ކުޑަ ގޮތެއްގައި ސާރާ ޑޮކްޓަރުގެ ގެ ވާހަކަ މެދުކަނޑާލި އެވެ.

"ގައިމެއްނު ކަނބުލޯ." ޑރ. ސަލީމް ސާރާ އާ ދިމާއަށް އެނބުރިލާފައި ފުން ނަޒަރަކުން ބުނެލި އެވެ. އަދި އަނެއްކާވެސް ކަރީމް އާ ދިމާއަށް އެނބުރުނެވެ.

ކަރީމުއާއި އެހެން މީހުން ތިބީ ދެން ވެސް ހިމޭންވެފަ އެވެ. ސޫރަޖް އާއި މުރާދު ވެސް ކެތްތެރިކަން ކުޑަ ގޮތެއްގައި ޑޮކްޓަރަށް ބަލަން ތިއްބެވެ.

"ކަރީމް…ސާރާގެ ލޯ ރަނގަޅުވުން އޮތީ ސާރާ އަށް އިތުރު ލޮލެއް ލިބިގެން."

"އަޅުގަނޑުގެ ލޯ ނަންގަވާ." ގޮޑިން ތެދުވެލާފައި ހުސްނާ އާދޭހުގެ ރާގެއްގާ ޑރ. ސަލީމް ގެ ކައިރިން އެދުނެވެ.
ސަލީމް ހިނިތުން ވެލި އެވެ.

"ހުސްނާ…މި ދުވަސްކޮޅު މާލެ އަށް އިންޑިޔާގެ ވަރަށް މޮޅު ލޮލުގެ ހާއްސަ ޑޮކްޓަރެއް އެބަވަޑައިގަންނަވާ. މި އޮޕްރޭޝަނަށް އެންމެ އެކަށީގެން ވަނީ އޭނާ މާލޭގައި އުޅުއްވާ ދުވަސްކޮޅު. ވީމާ ތިކޮޅުން ވާން ޖެހޭ ތައްޔާރީތައް ވެގެން އޭނާ އަށް އިންތިޒާރު ކުރައްވާ. ﷲ އިރާދަފުޅު ކުރެއްވީޔާ މިކަމަކީ މާބޮޑު ކަމެއް ނޫން."

ހުސްނާ އަށް ކަރީމުގެ އަތުގައި ބޭއިހްތިޔާރުގައި ހިފާލި އެވެ.

"ޑޮކްޓަރު…ޑރ ވަޑައިގަންނަ ވަނީ ކިހާ ތާކުތޯ؟" ފުރަތަމަ ފަހަރަށް ސޫރަޖް ވާހަކަ ދެއްކި އެވެ.

"އަންނަ ހަފްތާގެ މެދުތެރޭ އޭނާ ވަޑައިގަންނަވާނެ. އެއީ 28 ކަމަށް ބަައްލަވާ." ސޫރަޖް އާ ދިމާ އަށް ބަލާލަމުން ޑރ. ސަލީމު ބުނެލި އެވެ.

ސާރާމެން ޑރ. ސަލީމު އާ ސަލާމްކޮށްލުމަށް ފަހު ޝުކުރު އަދާ ކުރަމުން ގެއަށް ދާން ނިކުތެވެ. އެހެނަސް ސޫރަޖް ޑޮކްޓަރުގެ ކޮޓަރީގައި މަޑު ކުރީ އެވެ. އޭނާ ބޭރަށް އައީ 15 ވަރަކަށް މިނެޓް ފަހުންނެވެ.

(ނުނިމޭ)