އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތައް ހައިޖާނެއްގެ ގޮތުގައި ސިފަކުރައްވައި، އެ "ހައިޖާން" ތަކުގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެންވަޔަރޮމެންޓް މިނިސްޓަރ، ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތޯރިގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވިޔަފާރިތަކަށް ދަތިކުރުމާއި، އާންމުންނަށް އުނދަގޫ ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ "ހައިޖާނު" ތަކުގެ ފުރިހަމަ ޒިންމާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އުފުއްލަވަން ޖެހޭނެ ކަމަށެވެ.
ތޯރިގްގެ އިތުރުން ޕީޕީއެމްގެ އިސް ބޭފުޅުން މީގެ ކުރިންވެސް ވަނީ ގާސިމަށް މިފަދަ ތުހުމަތުތަކެއް އަމާޒުކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން ގެންނަން އުޅުނު "ބަޣާވާތްފުޅު" ގެ ޒިންމާވެސް ގާސިމް ނަގަން ޖެހޭނެ ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވެފައިވާއިރު އެބޭފުޅުންގެ ނަޒަރުގައި އިދިކޮޅު ހަރަކާތްތަކަށް ޚަރަދުވެސް ކުރަނީ ވިލާ ކުންފުނީގެ ޗެއާމަން، ގާސިމް އިބްރާހިމެވެ.
ގާސިމް ވަނީ އިދިކޮޅު އިއްތިހާދާއި ގުޅިވަޑައިގަތުމަށް ފަހު ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެކޮޅުކޮޅުން އެލުވައި، ކާޅަށް ކޮށާ ކާންދިނަސް ދެން ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނުކުރައްވާނެ ކަމަށް މިވަގުތު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނެވި ގާސިމް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށައެޅި ކަމުގެ ކުށް ސާބިތުވެ ގާސިމް ވަނީ ތިން އަހަރާއި ނުވަ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. ނަމަވެސް އޭރު ގާސިމްގެ ސިއްހީ ހާލު ހުރި ގޮތުން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކުރުމަށްފަހު ގާސިމްގެ ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވަން ހުކުމް ކޮށްފައެވެ.
ބޭސް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު ގާސިމް ވަނީ އެނބުރި ރާއްޖެ ވަޑައިނުގަނެ، ޖަރުމަނު ވިލާތަށް ވަޑައިގެންފައެވެ. ގާސިމް އަނބުރާ ރާއްޖެ ވަޑައިގެން ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސް އިން ވަނީ އެކި ފަހަރު މަތިން ގޮވާލާފައެވެ.