ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ބޭނުންވަނީ އިންތިޚާބު ބޭއްވުމަށް ނޫން ކަމަށާއި އެބޭފުޅުންގެ މައިގަނޑު މަގުސަދަކީ ވެރިކަން ބަޣާވާތަކުން ވައްޓާލުން ކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޖަމީލްގެ ފާޑުކިޔުންތައް އިދިކޮޅު ލީޑަރުންނަށް އަމާޒުވެފައިވާއިރު އޭނާ ވިދާޅުވެފައިވަނީ އިދިކޮޅު އިއްތިހާދުގެ އިސް ސަފުގައި ތިއްބެވީ ހުރިހާ ގޮތަކުން ރައްޔިތުންގެ އިތުބާރު ގެއްލި، ފެއިލް ވެފައިވާ ލީޑަރުން ކަމަށެވެ.
އަދި އެބޭފުޅުންގެ ވިސްނުމުގައި މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބެއް ނެތް ކަމަށާއި އެބޭފުޅުން ބޭނުންވަނީ ރައީސް ޔާމީންގެ ވެރިކަން ބަޣާވާތަކުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރަން އުޅުނު ހުރިހާ ކަމެއް ނާކާމިޔާބު ވެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
އަދި ކިތަންމެ މަސައްކަތެއް އިދިކޮޅުން ކުރިޔަސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޭއްވޭނެ ކަމަށާއި އެ އިންތިޚާބު ވާނީ މިނިވަން، އަދުލުވެރިން އިންތިޚާބަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެބޭފުޅުން އުއްމީދެއް ނުކުރޭ އިންތިޙާބެއް ބާއްވަންވެސް. އެބޭފުޅުން އަދިވެސް ހަމަ އުއްމީދުކުރަމުން މިއަންނަނީ ރާއްޖޭގެ ވެރިކަން ވައްޓާލުމުގެ މަސައްކަތް ކުރުމަށް. އެކަމު އެއީކީ ވާނެކަމެއް ނޫން. ސަބަބަކީ މިރާއްޖޭގެ ރައްޔިތުންނެއް އުފުރުޞަތެއް ނުދޭނެ. ރާއްޖޭގެ ފުލުހުންނާއި ސިފައިން އެފުރުޞަތެއް ނުދޭނެ. ރާއްޖޭގެ މިނިވަންކަމާއި، އިޤްތިޞާދު ހަލާކުކޮށް، ފުޑުފުޑުކޮށްލުމުގެ ފުރުޞަތެއް ނުދޭނެ. އަޅުގަނޑުމެންނަށް މިހާރުވެސް ފެނިގެން އެބަދޭ ރާއްޖެއަށް ބޭރުގެ ނުފޫޒުތައް ވެއްދުމަށްޓަކާ އެބޭފުޅުން ކުރަމުންދާ މަސައްކަތް. އެބޭފުޅުންގެ ވެރިކަމެއްގައި މި ރާއްޖެ އޮންނާނެގޮތް މިހާރު ދިވެހި ކޮންމެ ރައްޔިތަކަށްމެ އެނގޭނެ. އެހެންވީމަ އެފުރުޞަތެއް އެއްވެސް ފަރާތަކުން ނުދޭނެ" ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުގެ މެދުގައި ކިރިޔާވެސް އިޚުލާސްތެރިކަމެއް ހުރިނަމަ އެބޭފުޅުން މިހާރު ކުރައްވާ ކަންތައް ދޫކޮށް، ގައުމު އިސްލާހު ކުރުމަށް މަޝްވަރާގެ މަޖިލީހަށް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޖަމީލް މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން އަނެއްކާވެސް އިދިކޮޅު ފަރާތްތަކަށް މަޝްވަރާގެ މަޖިލީހަށް އައުމަށް ދައުވަތު އަރުވާފައި ވަނިކޮށެވެ.
ސަރުކާރުން ބޭނުންވަނީ ޝަރުތުތަކެއް ކުރިމަތިނުކޮށް މަޝްވަރާ ފެށުމަށެވެ. ނަމަވެސް އިދިކޮޅު ފަރާތަކުން ވަނީ ސިޔާސީ ގޮތުން ހައްޔަރުކުރި ހުރިހާ އެންމެން ވަގުތުން ދޫކުރުމަށާއި މެދުވެރިޔެއްގެ ރޯލު ބައިނަލް އަގުވާމީ މިނިވަން ޖަމިއްޔާއަކުން އަދާ ކުރުމަށް ޝަރުތުކޮށްފައެވެ.