ކޮންމެ ދުވަހަކު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާ ތެރެއިން ހައްޔަރުކުރާ މީހުންގެ އަދަދު ގިނަ ވެގެން ގޮސް އެހުރިހާ މީހުންގެ ރެކޯޑު ބަލަހައްޓަން ވެސް ދަތިވެފައިވާ ކަމަށް އެމެރިކާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އާތުލް ކެޝަޕް ވިދާޅުވެއްޖެއެވެ.
ކެޝަޕް ކުރެއްވި ޓުވީޓެއްގައި ކަންބޮޑުވުން ފާޅުކުރެއްވުމުގެ މޭރުމަކުން ވަނީ ކިތައް މަޖިލިސް މެމްބަރުންނާއި ގާނޫނީ އޮފިސަރުން ހައްޔަރު ކުރެވިފައިވާތޯ ސުވާލުކޮށްފައިވެއެވެ.
އިއްޔެގެ މުޒާހަރާ ތެރެއިން ވެސް ފުލުހުން ވަނީ މަޖިލީހުގެ ތިން މެމްބަރަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް އަދި ޖޭޕީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހިމެނެއެވެ.
ރިޔާޒް ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން ވަކީލުންނަށް އަންގާފައިވާއިރު އަބްދުﷲ ޝާހިދާއި ލަތީފް ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުން ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވެސް ވަނީ ހައްޔަރުކޮށްފައެވެ.