Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

ސްރީދޭވީގެ ބައޮޕިކެއް ނަހަދަން: އާރްޖީވީ

މިދިޔަ ހަފުތާގައި ކުއްލި ގޮތަކަށް މަރުވި އިންޑިއާގެ މަޝްހޫރު ބަތަލާ ސްރީދޭވީ ހަޔާތުގެ މައްޗަށް ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާ (އާރްޖީވީ) ފިލްމެއް ހަދަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް އެކަން އޭނާ ދޮގުކޮށްފި އެވެ.

"ސަތިޔާ" އާއި "ކޮމްޕެނީ" ފަދަ ފިލްމްތައް ގެނެސް ދިން ޑައިރެކްޓަރު މިއަދު ކުރި ޓްވީޓެއްގައި ބުނީ ސްރީދޭވީގެ މައްޗަށް ފިލްމް ހަދާ ވާހަކަ މީޑިއާތަކުން ދައްކާ އިރު، އޭނާގެ ރޯލް ކުޅޭނެ ފެންވަރުގެ ބަތަލާއަކު ނުލިބޭނެ ކަމަށެވެ. އެހެންވެ ސްރީދޭވީގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަން އުޅުމަކީ މޮޔަ ކަމެއް ކަމަށް ބުންޏެވެ.

ނަމަވެސް ތެލެގޫ ޅެންވެރިޔާ ސިރަސްރީ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ބުނީ ސްރީދޭވީގެ ހަޔާތަށް ހަދާ ފިލްމްގެ ވާހަކަ މިހާރު ލިޔަމުން އަންނަ ކަމަށާއި އެ ނިމުނުހާ އަވަހަކަށް، ފިލްމް ރަސްމީކޮށް އާރްޖީވީ އިއުލާން ކުރާނެ ކަމަށެވެ.

އާރްޖީވީ ވަނީ ސްރީދޭވީއާ އެކު ތެލެގޫ ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ 1991 ގައި ރިލީޒް ކުރި ކްޝާނާ ކްޝަނަމް އެވެ.