ދިވެހިރާއްޖޭގައި މިހާތަނަށް ހިނގާފައިވާ މަރުގެ ބޮޑެތި މައްސަލަތައް ޝަރީޢަތަށް ފޮނުވުމަށް ފަހު އަދި ފޮނުވުމުގެ ކުރިން ވެސް އެ މައްސަލަތަކުގެ ތަފްސީލް ފުލުހުން މީޑިޔާގައި ހާމަކުރެއެވެ. އެ މައްސަލަތައް ހިނގާފައިވާ ގޮތް ވަރަށް ތަފްސީލީ ގޮތެއްގައި ފުލުހުން ހާމަކޮށްފައިވެއެވެ.
އެހެން ނަމަވެސް އައްޑޫ ސިޓީ، ހިތަދޫ ބުރުނީގެ، އަލީ އަބްދުﷲގެ މަރުގެ މައްސަލައަށް 2 އަހަރު ވެގެން ގޮސްފައިވާއިރު އެފަދަ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އަލީ މަރާލި މައްސަލައިގައި ޖުމްލަ 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު އެންމެންގެ މައްޗަށް ވެސް ވަނީ އެކި ދައުވާތައް އުފުލާފައެވެ.
އެގޮތުން އަލީ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ، (އަލީ އަށް ބޮޑު ބޭބެ ކިޔާ މީހެއް)ސ.ހިތަދޫ ހެޕީ ފިއުޗާ، އަހުމަދު އިބްރާހީމްދީދީގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ރ) ގެ ދަށުން އެނގި ހުރެ ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާއެވެ.
އަލީގެ މަރުގެ މައްސަލައިގެ ތުހުމަތަށް ދެން ހައްޔަރު ކުރި ތިން މީހުން ކަމުގައިވާ، ހިތަދޫ އަތަމާވިލާ، މައޫޒު މުހައްމަދާއި އެ ރަށު އައްޒާ، މުބާރިކު މުހައްމަދާއި ނަޝީދީގޭ، މުހައްމަދު ޝިފާޒްގެ މައްޗަށް އުފުލާފައި ވަނީ އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މައޫޒް އާއި މުބާރަކްގެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު، ޝިފާޒްގެ މައްސަލައިގެ އަޑުއެހުމެއް މިހާތަނަށް ކްރިމިނަލް ކޯޓުގައި ބާއްވާފައެއް ނުވެއެވެ. އެހެންވެ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިޔައީ ތޯ ގިނަ ބަޔަކު ގެންދަނީ ސުވާލުކުރަމުންނެވެ.
އަހްމަދްދީދީގެ މައްސަލަ ކުރިއަށް ގެންދަނީ ސިއްރުކޮށްގެން
އަލީ އަބްދުﷲ މަރާލި މައްސަލައިގައި ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލާފައިވާ އަހްމަދްދީދީގެ މައްސަލައިގެ 2 އަޑުއެހުމެއް ވަރު ކްރިމިނަލް ކޯޓުގައި ބާއްވާފައި ވާއިރު، އެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެހެންވެ އެ މައްސަލަ ކުރިއަށްދާ ގޮތާއި ބެހޭގޮތުން މީޑިޔާތަކަށް ވެސް މައުލޫމާތެއް ނުލިބެއެވެ.
އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ ޝަރީޢަތްތަކުގެ ތާވަލަށް ބަލާއިރު އަހްމަދްދީދީގެ ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
"އަހްމަދްދީދީގެ ނިޔަފަތިން އަލީގެ ޑީއެންއޭ ފެނިފައިވޭ"
އަލީ އަބްދުﷲ މަރާލި މައްސަލައިގައި ދައުވާ ލިބޭ، ހިތަދޫ ހެޕީ ފިއުޗަރ، އަހުމަދު އިބްރާހިމްދީދީގެ ނިޔަފަތިތަކުގެ ދަށުން އަލީ އަބްދުﷲގެ ޑީއެންއޭ ފެނިފައިވާ ކަމަށް ޕީޖީ އޮފީހުގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ބުނެފައެވެ.
ޕީޖީ އޮފީހުގެ ވަކީލުން އެހެން ބުނެފައިވަނީ، އަލީ މަރާލި މައްސަލައިގައި "އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ މައޫޒް މުހައްމަދާއި މުބާރިކް މުހައްމަދުގެ ޝަރީޢަތުގެ އަޑުއެހުމެއްގައެވެ.
"ފުލުހުން އަމަލުކުރާ ގޮތް ތަފާތު"
މަރުގެ ބޮޑެތި މައްސަލަތަކުގައި ފުލުހުން ނޫސްކޮންފަރެންސްތައް ބާއްވައި މައްސަލައިގެ ތަހުގީގަށް ލިބެމުންދާ ކުރިއެރުންތައް ވަރަށް ރަނގަޅަށް ހާމަކޮށްދެމުން ދެއެވެ. ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާ ހިސާބުން ވެސް އެ މައްސަލަ އާއި ބެހޭގޮތުން ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެއެވެ.
އެހެން ނަމަވެސް އަލީގެ މަރުގެ މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތް ތަފާތު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަލީގެ މަރުގެ މައްސަލައިގެ ތަހުގީގާއި ބެހޭގޮތުން މައުލޫމާތެއް ރަސްމީ ސިފައެއްގައި ފުލުހުން ހާމަކުރީ، 2016 ވަނަ އަހަރުގެ މާރޗް 29 ވަނަ ދުވަހުއެވެ. އެދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވެފައި ވަނީ އަލީ މަރާލާފައި ވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ.
އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
އެހެން ނަމަވެސް އޭގެ އެތައް ދުވަހެއް ފަހުން އަލީގެ މަރުގެ މައްސަލަ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި ކަން ވެސް ފުލުހުން ރަސްމީ ގޮތެއްގައި ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލަ ޕީޖީ އަށް ފޮނުވިކަމަށް ފުލުހުން ބުނެފައިވަނީ ވެސް އެފަދަ މައުލޫމާތެއް (2016ގެ ނޮވެމްބަރ މަހުގެ ތެރޭގައި) 'އައްޑޫލައިވް' އަށް ލިބިގެން ސުވާލުކުރުމުންނެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް އޭރު ވިދާޅުވެފައިވާ ގޮތުގައި އަލީގެ މަރުގެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެހެން ނަމަވެސް އެފަހުން ފުލުހުން އެ މައްސަލައިގެ މާބޮޑު ތަފްސީލެއް މީޑިޔާތަކަށް ހާމަކޮށްފައެއް ނުވެއެވެ. މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ މައުލޫމާތު ވެސް މީޑިޔާތަކާއި ހިއްސާކުރީ ޕީޖީ އޮފީހުގެ ފަރާތުންނެވެ.
އަލީ މަރާލި މައްސަލައިގެ ޝަރީޢަތް ކުރިއަށްދާ ސްޕީޑާއި މެދު އަލީގެ އާއިލާ އާއި ގިނަ އައްޑޫ ރައްޔިތުން ތިބީ މާޔޫސްވެފައެވެ. އެ މައްސަލައިގެ ތަފްސީލް ފުލުހުން އާއްމު ނުކުރުމަކީ، ވެސް ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެ ތަފްސީލް ފުލުހުން އާއްމު ނުކުރަނީ އެއީ ނިކަމެތި ރައްޔިތެއްގެ މަރުގެ މައްސަލަ ކަމަށް ވުމުން ހެއްޔެވެ؟