Last Updated: November 25, 21:09
Monday, November 25, 2024

(އެޕްރީލް 10، 2103 ވަނަ ދުވަހުގެ އަދަދާ ގުޅޭ)

"ދަރިފުޅާ… ކިހިނެއްވީ؟" ކަރީމު ސޫރަޖުގެ ކައރިން އަހާލި އެވެ.

"ބޭބޭ… އަޅުގަނޑުގެ ލޮލުގައި ވެސް އެބަ ރިއްސާ…އެހެންވެ ވަނީ ކީއްތޯ ބަލާލީ."

"މާތް ކަލާކޯ… ޑޮކްޓަރު ވިދާޅުވީ ކީކޭ؟ އަލުން ހިނގާ… އަހަރެން އަހާނަން." ހުސްނާ އަނބުރާ ޑޮކްޓަރުގެ ގެ ކޮޓަރި އަށް ވަންނަން ހިނގައިގަތެވެ. ހަމަ އެވަގުތު ސޫރަޖް ހުސްނާ ހުއްޓުވި އެވެ.

"ބޮޑުދައިތާ… އެކަމާ ފިކުރު ނުކުރައްވާ… ޑޮކްޓަރު ބޭސް ވެސް ދެއްވި. މިއީ ވަރަށް އާދައިގެ ކަމެކޭވެސް ބުނުއްވި. ހިންގަވާ. އަޅުގަނޑު ބޭސް ނަގައިގެން އެބަ އަންނަން."

ހުސްނާމެން ވެސް އިތުރު އެއްޗެކޭ ނުބުނެ ހިނގައިގަތެވެ.

"ބޭސް ނަގަން ދާއިރު އަހަރެން ގޮވައިގެން ދޭ. މިތާ ހިނގާލަން ހިތްވަނީ." ސާރާގެ މި އެދުންވީ ސޫރަޖް ވެސް އެދިއެދި ހުރި އެދުމަކަށެވެ

"އަވަހަށް ހިނގާ" ސޫރަޖް ކައިރި އަށް ޖެހިލަމުން ބުނެލި އެވެ.

"ނޫން…ދެ ކުދުން ދޭ. ބޮޑުދައިތަމެން މިތާ ތި ދެކުދިން އަންނަން ދެން އިށީނދެ ތިބޭނަން."

މުރާދު ވެސް އޭނާގެ ރަައްޓިހި ކުދިންތަކެއް ފެނިގެން އެ ދިމާ އަށް ދިޔަ އެވެ.

"ސޫރަޖް ބޭބޭ… މި ތަނުން މި ހިނގާ ހުރިހާ ކަމެއް ސިފަކޮށްދީބަލަ." ސާރާ ސޫރަޖްގެ ކައިރިން އެދުނެވެ.
ސާރާ ސޫރަޖް އަށް ބޭބޭ ކިޔާތީ ސޫރަޖް ހުންނަނީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފަ އެވެ. އެހެނަސް އެއާ މެދު ދެކޮޅު ހަދާހާ ހިތްވަރެއް ސޫރަޖްގެ ނެތެވެ.

"ސާރާ…މިތަނުގައި އިންތިހާ އަށް މީހުން ގިނަ. އެ މީހުން އިށީނދެ ތިބެނީ ގޮނޑިބަރިތަކެއްގައި.. އެއް ބަޔަކު ކޮޅަށް ވެސް އެބަ ތިބޭ. އެ މީހުން އެ ތިބެނީ ޑޮކްޓަރަށް ދައްކަން ނަންބަރު ނަގަން އައިސް. އަނެއް ޔަކު ކިޔޫ ހަދާލާފައި ބޭސް ނަގަން ވެސް ގޮސް އެބަތިބި." ފޫހިކަމެ އްނެތި ސޫރަޖް ސާރާ އަށް އެތަނުގެ މާހައުލުގައި ހިނގާކަންތައް ކިޔައި ދެމުން ދިޔަ އެވެ.

"ސޫރަޖް ބޭބެ… ހުންނަ ގޮތް ކިޔާދީބަލަ." ފުރަތަމަ ފަހަރައް ސާރާގެ މި ސުވާލުން ސޫރަޖް އަށް ހުއްޓުން އެރި އެވެ.

"ސޫރަޖްބޭބެ ގެ ފޮޓޯއެއް ދޭނަން… ލޯ ރަނގަޅުވިއިރަކުން ބަލާލާ."

"ސޫރަޖް ބޭބެ އަށް ހީވޭތަ އަޅުގަނޑުގެ ލޯރަނގަޅުވާނެހެން؟" ސާރާ މާޔޫސްކަމާ އެކު ބުނެލި އެވެ.

ސޫރަޖް ހިނގުން މަޑުކޮށްލި އެވެ. އަދި ފުން ނަޒަރަކުން ސާރާ އާ ދިމާއަށް ބަލާލި އެވެ.

"ސާރާ ލޯ ރަނގަޅު ވެއްޖިއްޔާ އެންމެ ފުރަތަމަ ދެކެން ބޭނުން ވަނީ ކާކު؟" ތެޅިތެޅި އޮތް ހިތަކާ އެކު ސޫރަޖް ސާރާ އާ މި ސުވާލު ކުރި އެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ދެކެން ބޭނުން ވަނީ ސޫރަޖް ބޭބެގެ މޫނު." ހިނިތުން ވެލާފައި ސާރާ ސޫރަޖް އާ ދިމާއަށް ބުނެލި އެވެ.

"ކޮބާ ހުރިހާ ބޭހެއް ލިބުނުތަ؟" ހުސްނާގެ އަޑުން ސިހިފައި ސާރާ އާއި ސޫރަޖް ދުރަށް ޖެހިލި އެވެ. ފުރަތަމަ ފަހަރަށް ސާރާގެ ހިތުގައި ސޫރަޖް އާ ބެހޭ ގޮތުން ޝުއޫރުތަކެއް އުފެދުނެވެ. އެހެނަސް…ހިމޭންކަން ފިޔަވައި އިތުރުކަމެއް ސާރާއަކަށް ވެސް ނުކުރެވުނެވެ.
ސާރާ ކިޔަނީ ސޫރަޖް އަށް ބޭބެ އެވެ. އަދި ސޫރަޖް ވެސް ކިޔަނީ ކޮއްކޮ އެވެ. ވީ އިރު މިފަދަ ގުޅުމެއް އެ ދެމެދުގައި އުފެދޭނީ ކިހިނަކުން ހެއްޔެވެ؟ ސާރާ މާ ބޮޑަށް ހިމޭންވެފައި ހުރުމުން ސޫރަޖް ސާރާ އާ ކައިރި އަށް ޖެހިލި އެވެ.

"ސާރާ…ޑޮކްޓަރު އުފާވެރި ހަބަރު ދިނީމާ ތި ގޮތަށް ހިމޭންނުން ހުންނަން ވާނެތަ؟" ސޫރަޖްގެ ވާހަކައިން އެންމެން ހީލި އެވެ.

"މަންމާ… ކޮއްކޮ ރަނގަޅުވާން އަދިވަރަށް ދުވަސް ނަގާނެ ދޯ؟" ވިސްނުމެއްގެ ތެރޭގައި ހުރެފައި މުރާދު ސުވާލު ކުރަން ފެށި އެވެ.

" ދަރިފުޅާ… އަދި ކޮއްކޮ އެއްކޮށް ރަނގަޅުވާން ދުވަސް ކޮޅެއް ނަގާނެ." ހުސްނާ މުރާދަށް ޖަވާބު ދިނެވެ.

ސާރާ އާއި މުރާދާ ދެބޭން ކުރެ ދޮށީ މުރާދެވެ. އެއްމާބަނޑު ދެބޭންނެއް ކަމަކު ފުރަތަމަ އުފަންވީ މުރާދެވެ. މިކަން މުރާދަށް އެނގޭތީ މުރާދުވެސް ހުންނަނީ ވަރަށް ވުރެ ބޮޑު ވެފަ އެވެ.

އެރޭ ހާލިދާގެ ދެމަފިރިންނާ ސޫރަޖް އަނެއްކާ ވެސް ނަސީބުގެއައް އަ އެވެ. އެ ގެ އަށް އައުމާއެކު ސޫރަޖް ދާނީ ސާރާ އާއި މުރާދު ކައިރިޔަށެވެ. މިއަދު ސޫރަޖް އަށް ސާރާ އާ އެކު އެކަނިވެރި ވަގުތުކޮޅެއް ލިބުނެވެ.ވާ ހަކަ ދެއްކޭ ކަހަލަ ގޮތަކަށް ނޫނެވެ. ހަމައެކަނި ދެކިލާށެވެ. ސަބަބަކީ ސާރާއި ނީ އޭނާގެ ކުޑަކުޑަ މުސަޅު ގޮވައިގެން ކުޅޭށެވެ.
ގިނަ ފަހަރަށް އޭނާ މުސަޅު ކައިރީ ޝަކުވާ ކުރެ އެވެ. މަޖާ ވާހަކަ ދައްކަ އެވެ. މިހާރަކަށް އައިސް ސޫރަޖް އަށް ވެސް މާ ގިނައިން އެ ގެއަކަށް ނާދެ ވެ އެވެ. އެކަމުގެ ޝަކުވާ ވެސް އޭނާ މުސަޅު ކައިރީ ކުރެ އެވެ. މިއަދު ހޮސްޕިޓަލަށް ދާން އާދެވުނީވެ ސް އެތައް ދުވަހެއް ކޮށްފަ އެވެ. މި

މި ރޭ ވެސް އެ ގެ އަށް މި އާދެވުނީ މަންމަ އަންނަން އުޅޭތީ އެވެ. އެހެން ނޫން ނަމަ ނާދެވުނީސް ކަންނޭނގެ އެވެ. ސޫރަޖް ހިމޭންކަމާ އެކު ސާރާ އަށް ބަލަން ހުއްޓެވެ. ވާހަކަ ފަށްޓާނެ ގޮތެއް ނުވިސްނިފަ އެވެ.

ހާލިދާ އާއި ނަސީމު ދިޔަ ގޮތަށް ގޮސް މަޑުކޮށްލީ ހުސްނާ އާއި ކަރީމާ އެކު ބަގީޗާގަ އެވެ.

"އެ މަންޖެ އާ އެ ސޮރު ކޮބާ؟" ވަށައިގެން ހޯދާލަމުން ހާލިދާ އަހާލި އެވެ.

"އެ މަންޖެ އެފަރާތުގަ އެބައިން. އެސޮރު ދިޔައީ ސްކޫލަށް." ކަރީމު ތަފްސީލު ދޭ ކަހަލަ ގޮތަކަށް ހާލިދާ އަށް ޖަވާބުދިނެވެ.

މިއަދު ހޮސްޕިޓަލްގައި ކަންތައްވީ ގޮތް ވަރަށް ތަފްސީލުކޮށް ހުސްނާ ހާލިދާ އަށް ކިޔައި ދިނެވެ.

"ހުސްނާ… މަށައް ފެންނަނީ އެ މަންޖެ ގޮވައިގެން ބޭރު ގައުމަކަށް ދާން. މި ތަނަށް މި އަންނަ ޑޮކްޓަރުންނަށް ވުރެ އެކޮޅުގަ އުޅޭ ޑޮކްޓަރުން ރަނގަޅުވާނެ. އެހެން ނޫނަސް އަހަރެމެންވެ ސް މިއުޅެނީ އިންޑިޔާ އަށް ބަދަލުވާން ގެ ކުއްޔައްދީފައި. މާ ހިތްފަސޭހަކޮށް އުޅެވޭނެ. މަރުވާކަށް ތަނެއްތަނެއް ނެތް. ސޫރަޖް އަށް އެކޮޅު ކޮލެޖަކުން ޖާގަވެސް ހޯދައިފިން." ހާލިދާގެ މިވާ ހަކައިން ހުސްނާ ހިމޭންވި އެވެ.

ސުވާލަކަށް ފަހު ސުވާލެއް އޭނާގެ ސިކުނޑީގައި ބުރު ޖަހަން ފެށި އެވެ.

"ހާލިދާ… ތީ ކޮ ންއިރަކު ނިންމި ނިންމުމެއް؟ ހާލިދާމެން ނެތީއްޔާ އަހަރެމެން ހާދަ އެކަނިވެރިކަން އިހުސާސްވާނޭ."

(ނުނިމޭ)