ނޯޓް: މިއީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ރަސްމީ ވެބްސައިޓްގައި ޝާޢިއުކޮށްފައިވާ ލިޔުމެކެވެ.
ޝަރުއީދާއިރާ އަކީ ދިވެހި ދައުލަތުގެ މުސްތަޤިއްލު 3 ބާރުގެ ތެރެއިން އެއްބާރެވެ. އަދުލްއިންސާފް ޤާއިމް ކުރުމުގެ އެއްމެހައި ބާރުތައް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) އިން ދަށުކޯޓްތަކަށްވެސް ދީފައިވެއެވެ. ހަމަ މިމާއްދާގެ (ނ) ގައި އަމިއްލަ ފަރުދަކު ވިޔަސް ދައުލަތުގެ ކަމެއްހިންގުމާ ހަވާލުވެ ހުރި މީހަކުވިޔަސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެކަމަށް ބުނެފައިވެއެވެ. އަދިހަމަ އެމާއްދާގެ (ރ) ގައި ކޯޓްތަކުގެ މިނިވަންކަން ރައްކާތެރި ކުރުމާއި ކޯޓްތަކުގެ ހައިބަތާއި ޤަދަރު ހިމާޔަތް ކޮއްދިނުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާ އަކުންވެސް ކުރަންޖެހޭނެ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.
މިފަދަ ސަރީޙަ ޢިބާރާތަކުން ޢަދުލް އިންސާފް ހިންގުމުގެ ބާރުގެ މުސްތަޤިއްލު ކަމާއި ހައިބަތު ރައްކާތެރިކުރުމަށް ޤާނޫނު އަސާސީގައި ބަޔާން ކޮއްފައިވިކަމުގައި ވިޔަސް 1 ފެބްރުއަރީ 2011 ވަނަ ދުވަހުގެ ރޭގައި މުޒަހަރާކުރި ބަޔަކު ވަނީ ސ. ހިތަދޫ ކޯޓްގެ ބޭރު ދޮރުގައި ތަޅުއަޅުވާފައެވެ.
އަދި މިކަންކޮއްފައި ވަނީ މުޒާހަރާކުރި މީހުންގެ ތެރޭގައިހުރެގެން "މާދަމާ އައްޑޫގެ އެއްވެސް ކޯޓެއް" ހުޅުވިޔަ ނުދޭނެކަމަށް ފޭދޫދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވި ވިދާޅުވެފައި ވަނިކޮއްކަމަށް މީޑިއާ ވަސީލަތްތަކުން ބާޔާންކޮއްފައިވެއެވެ. އަދި ދަށު ކޯޓުތައް ހިންގަނުމްގެންދާ ޖަސްޓިސް ބިލްޑިންގްގެ ބޭރު ދޮރުގައިވެސ ތަޅު އެޅުވުމަކީ މިޕާޓީން ކުއްވެރި ކުރާ ކަމެކެވެ.
ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވި ވިދާޅުވުމާއި މުޒާހަރާ ކުރި މީހުންގެ ތެރެއިން ބަޔަކު ކޯޓްގައި ތަޅު އެޅުވުމާއި ގުޅުމެއްވާކަމުގެ ތުހުމަތު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މި ޢަމަލަކީ ކަޑައެޅިގެން ޢަދުލް އިންސާފް ޤާއިމްކުރުމުގެ ނިންމުންތަކަށް ސީދާ ނުފޫޒު ފޯރުވުމާއި ފަނޑިޔާރުންނާއި ޤާޟީންނަށް ބިރުދެއްކުމުގެ ބޭނުމުގައި ހިންގަމުންދާ ޢަމަލެއް ކަމުގައި މި ޕާޓީން ޤާބޫލްކުރަމެވެ.
އަދި ވޭތުވެދިޔަ ދުވަސް ތަކުގައި ވެސް ސަރުކާރު ހިންގާ ޕާޓީގެ އިސްކޮށް ތިއްބެވި ބައެއް ފަރާތްތަކާއި ސަޕޯޓަރުން މިފަދަ އެތައް ޢަމަލެއް ހިންގާފައިވާއިރުވެސް ސަލާމަތީ ބާރުތަކުގެ ސަމާލުކަމަށް މިކަން އައިސްފައިނުވާކަމީ މިޕާޓީން ކަންބޮޑުވާ ކަމެކެވެ.
ޢަދުލު އިންޞާފު ޤާއިމްކުރުމުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށާއި ޤާޟީންނަށް ބިރުދެއްކުމަށް މި ހިންގި ޢަމަލު މުސްތަޤިއްލުކަމާއިއެކީ ތަޙްޤީޤް ކޮށްދިނުމަށް އެދި މޯލްޑިވުސް ޕޮލިސް ސަރވިސް އަށާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް މިޕާޓީން ވާނީ ރަސްމީ ސިޓީއަކުން އެދިފައެވެ.