ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއާމަން، ގާސިމް އިބްރާހިމްގެ މުޅި މިލްކިއްޔާތު ދީގެންވެސް ނުގަނެވޭނެ ކަމަށާއި އެމަނިކުފާނުގެ ފައިސާއަށްވުރެ ރައީސް އަބްދުﷲ ޔާމީންގެ އިޚުލާސްތެރިކަމުގެ އަގު މާ ބޮޑު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ އަރިހުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބުނީތީ އުފާ ކުރާ ކަމަށާއި ސާބިތުކަމާއެކު އަބަދުވެސް ހުންނަވާނީ ރައީސް ޔާމީނާ އެކުގައި ކަމަށެވެ.
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ޕާޓީގެ ސެކެޓްރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްގެ އިތުރުން އަދުރޭވެސް ޖޭޕީއާއި ގުޅުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ގާސިމް ވިދާޅުވުމާއި ގުޅިގެންނެވެ.
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވަނީ އެ ހަތަރު މެމްބަރުންނަށް ގާސިމް އިބްރާހިމްގެ މުޅި މިލްކިއްޔާތު ހުށައެޅިޔަސް، ނުވިކޭނެ ކަމަށް ވިދާޅުވެފައެވެ.
އަދުރޭއާއި އޭނާގެ އަނބިކަނބަލުން ދާދި ފަހުން 9 މިލިއަން ރުފިޔާ ދިނުމަށްފަހު ދެ ފްލެޓު ގަތް ވާހަކަ މީޑިޔާގައި ދެކެވެން ފެށުމުން އަދުރޭވަނީ އެއީ އޭނާ ގަތް ދެ ފްލެޓު ކަމަށާއި އެއީ ސިއްރުން ކުރި ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެ ފްލެޓު ގަތީ ކޮން ގޮތަކުން ހޯދި ފައިސާއެއް ކަން ކަމާ ބެހޭ ފަރާތަކުން އެނގެން ބޭނުންވާ ނަމަ އެބޭފުޅުން ކުރައްވާ ސުވާލަށް ފުރިހަމައަށް ޖަވާބުދޭން ވެސް ތައްޔާރަށް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.