އިދިކޮޅު ޕާޓީތަކުން މިދިޔަ މަހު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި އެމްޑީޕީ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އަދުހަމް ދޫނިދޫގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދުހަމް ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި ދޫނިދޫގައި ބަންދުގައި ހުންނެވި އަދުހަމް ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށީ އޭނާ އަށް ލިބެން ޖެހޭ ޙައްގުތައް ހޯދުމުގެ ގޮތުން ކަމަށް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވި އެވެ.
MDP’s Addu Province President @AhmedAdhuham, unlawfully detained in Dhoonidhoo custodial centre under state of emergency powers, is on a hunger strike protesting his right to medical attention and unlawful arrest. He must be released immediately. pic.twitter.com/yJR0F9HasX
— Mohamed Nasheed (@MohamedNasheed) March 4, 2018
އަދުހަމްގެ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވި ގޮތުގައި އަދުހަމް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުން ދަނީ އޭނާގެ ދަތުރުގެ ފަރުވާއަކަށް އެދުމުން އެކަން ކޮށްދީފައި ނުވާތީ ކަމަށެވެ. އަދި އޭނާ ނުކައި ހުންނަން ފެށީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް އެނގިފައިވެ އެވެ.
އަދްހަމަކީ ނަޝީދުގެ ވެރިކަމުގައި ދެކުނު ޕްރޮވިންސްގެ ނައިބް ރައީސްކަމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.