ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް މެމްބަރުން ވޯޓު ދެއްވާނީ "ހޫނު ފެނަށް އެރެން ބޭނުންވާ ނަމަ" ކަމަށް ވިދާޅުވެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު އިންޒާރު ދެއްވި މައްސަލަ އަނެއްކާ ވެސް ބަލަން ފުލުހުން ފަށައިފިއެވެ.
އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރުގެ ދަށުން ހައްޔަރުކޮށްފައި ހުރި އިލްހާމް އާއި ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށްފައެވެ.
2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިލްހާމް ވިދާޅުވެފައި ވަނީ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުންގެ ފައިމައްޗަށް ހޫނުފެން އެޅުމުން ތަދުވެގެން މެސެޖެއްކޮށް، "ސޮރީއޭ" ބުންޏަސް ގަބޫލެއް ނުކުރެވޭނެ ކަމަށާއި އޭރުން ބުނެވެން އޮންނާނީ "ނޯ" ކަމަށެވެ.
އިލްހާމްގެ މައްސަލަ ފުލުހުން ބަލަން ފެށުމުން އެކަމުގެ ޝަކުވާ ރައީސް ޔާމީން ހަމައަށް ގެންދެވިއެވެ. އެހެން ނަމަވެސް އެ މައްސަލަ ކުރިއަށް ނުދާނެ ކަމަށާއި މިހާރު މައްސަލަ ފައިލްކޮށްފައިވާ ކަމުގެ ޔަގީންކަން އޭރު އިލްހާމް އަށް ސަރުކާރުން ދީފައިވާ ކަމަށް ވެއެވެ.
ޕީޕީއެމް އާއި ޚިޔާލު ތަފާތުވެ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިލްހާމް ވަނީ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއާއި އެކު ޕީޕީއެމް އިން ވަނީ އިލްހާމް އެ ޕާޓީން ވަކިކޮށްފައެވެ.
އިލްހާމް ޕީޕީއެމުން ވަކިކުރުމާއި އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައެވެ. އަދި އޭގެ އިތުރުން އޭރު އިލްހާމްގެ އާއިލާގެ މެންބަރުން ތިއްބެވި ސަރުކާރުގެ ވަޒީފާތަކުން އެބޭފުޅުން ވެސް ވަކިކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު އިލްހާމް ރާއްޖެ ވަޑައިގަތުމާއި އެކު އެބޭފުޅާ ހައްޔަރުކުރިއެވެ. އެހެން ނަމަވެސް އޭގެ ފަހުން އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލި އިރު، ފަހުން ހައްޔަރުކޮށްފައި މިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރުގެ ދަަށުންނެވެ.