ސްޕެނިޝް ލީގުގައި ރޭ ބާސާއާ އެތްލެޓީކޯ މެޑްރިޑް ބައްދަލުކުރި މެޗު 0-1 އިން ކާމިޔާބުކޮށް ބާސާ، ލީގު ތާވަލުގެ އެއްވަނައިގައި 8 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި މެސީ ކާމިޔާބުކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ރޭގެ ލަނޑާއެކު މެސީ ވަނީ އޭނާގެ ސީނިއާ ފުޓްބޯޅަ ކެރިއަރުގައި ޖެހި 600 ވަނަ ލަނޑު ޖަހާފައެވެ.
ފުރަތަމަ ހާފުގައި ބާސާއިން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު ގިނަ ހަމަލާވެސް އުފެއްދީ ބާސާއިންނެވެ. 26 ވަނަ މިނެޓުގައި އޭރިޔާ ބޭރުން މެސީއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ބާސާއަށް ހިލޭ ޖެހުމެއް ދީފައެވެ. މެސީ ބޯޅަ ފޮނުވާލީ ކީޕަރު އޮބްލަކްއަށް މަތަ ކުރެވޭނެ ވަރަށް ވުރެ މާ ފުރިހަމަ ކޮށެވެ.
ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ފަހު ހާފުގައި އެތްލެޓިކޯއިން ވަނީ ގޯލެއް ޖެހުމަށް ކުރި މަސައްކަތް ދެގުނަ ކޮށްފައެވެ. ނަމަވެސް ބާސާ ޑިފެންސް ލައިނު އޮތީ ރޭގެ މެޗުގައި މާ ހުށިޔާރު ކޮށެވެ.
ބާސާއިން ލުއިސް ސުއަރޭޒާއި ކޫޓީނިއޯ ވެސް ވަނީ އިތުރު ގޯލެއް ކާމިޔާބުކުރުމަށް މަސައްކަތް ކޮށްފައެވެ. އެތްލެޓިކޯއިން ގްރީޒްމަން އަދި ކޯސްޓާ ކުރި މަސައްކަތް ވެސް ކާމިޔާބު ވާ ގޮތެއް ނުވިއެވެ.
މެޗުން މޮޅުވެ ބާސާއަށް އަށް ޕޮއިންޓުގެ ލީޑެއް ލިބިފައިވާއިރު ލީގު ހޯދުމަށް ބާސާ ކުރަމުން އައި މަސައްކަތަށް އިތުރު ހިތްވަރެއް ވަނީ ލިބިގެން ގޮސްފައެވެ.