މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.
ގައުމީ އިނާމަށް ނަން ހުށަހަޅުމުގެ ފުރުސަތު އަންނަ އެޕްރީލު މަހުގެ 15 ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގަ އެވެ.
ގައުމީ އިނާމަށް ނަން ހުށަހަޅާ އުސޫލަށް އެެއްވެސް ބަދަލެއް މި އަހަރު ގެނެސްފައެއް ނުވެ އެވެ. އެގޮތުން މި އަހަރު ވެސް ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅޭނެ އެވެ. އަދި ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ވެސް ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކޮށް، ނަން ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
އިނާމަށް ވަކި ފަރުދަކު ނަން ހުށަހަޅާ ނަމަ އަދި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެފަދަ އެހެން ތަންތަނުން ނަން ހުށަހަޅުމަށް ހަމަޖެހިފައި ވަނީ އެކަމަށް ހާއްސަ ފޯމް ގައެވެ.
އިނާމު ދޭ ދާއިރާތަކުގެ ތެރޭގައި ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ހިމަނައި، މި ދެ ދާއިރާއިން އިނާމު ދޭނެ ވަކި ރޮނގުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
އެ ދާއިރާއިން އިނާމު ދެނީ މަދުވެގެން 5 އަހަރު ފާހަގަކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްފައިވާ އަންހެނުންނަށާއި ޢުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
ގައުމީ އިނާމުގައި ހިމެނޭ ބައެއް ދާއިރާތަކުގެ ރޮނގުތަކަށާއި، ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމަށް މި އަހަރު ބައެއް ބަދަލު ގެނެސްފައިވާކަން ޤައުމީ އިނާމާބެހޭ ކޮމިޓީން ބުންޏެވެ.
ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލި ނަމަވެސް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނީ އެޕްރީލު މަހުގެ ތެރޭގައި ކަމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ބުންޏެވެ.