Last Updated: April 25, 06:23
Friday, April 25, 2025
ޚަބަރު

އިރުއިރުކޮޅާ ކަރަންޓް ކެނޑެނީ، ހޮސްޕިޓަލްގައި ބެކަޕެއް ނެތް!

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް.

އައްޑޫ އަށް ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ވީ ވައުދުގެ ތެރެއިން 2 މެގަ ވޮޓް ދެ ޖަނަރޭޓަރ ސެޓް ވަނީ ބަހައްޓާފައެވެ. އެހެން ނަމަވެސް ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލެއް ނުވެއެވެ. ތަފާތު ސަބަބުތަކާއި ގުޅިގެން އަދިވެސް ކަރަންޓް ކެނޑެނީއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ އަނެއް ކާވެސް އިތުރުވެފައިވާ އިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ބެކަޕް ކަރަންޓް ސިސްޓަމެއް ނެތުމެވެ.

މީގެ ދެ ދުވަސް ކުރިން ފެށިގެން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެމުން އަންނަ އިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވެސް ކަރަންޓް ކެނޑެއެވެ. ކަރަންޓް ކެނޑޭ ވަގުތުތަކުގައި ހޮސްޕިޓަލްގެ އައިސީޔޫގެ މެޝިންތައް ހިފަހައްޓަނީ ބެޓެރީގެ އެހީގައެވެ. ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި އެތަނުގައި މިވަގުތު ތިބި ބެޓަރިތަކުން ކަރަންޓު ހިފަހައްޓާނީ އެއް ގަޑިއިރަށެވެ.

އާދީއްތަ ދުވަހުގެ ރޭ 11 ޖަހާކަށް ހާއިރު މުޅި ހިތަދޫން ކަރަންޓް ކެނޑުނުއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުންވެސް ކަރަންޓް ކެނޑުނެވެ. އައިސީޔޫގައި ބަލި މީހުން ތިބި އިރު އެތަނުގައި އިމަޖެންސީ ލައިޓެއްގެ މިންވަރުވެސް ނެތެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ އޮފިސަރ މުހައްމަދު ނަޖީބް ވިދާޅުވީ ކަރަންޓް ކެނޑުމުން އައިސީޔޫގެ މެޝިންތައް އެންމެ ގިނަ ވެގެން ހިފެހެއްޓޭނީ ގަޑިއެއްހާ އިރުގެ ވަގުތަކަށް ކަމަށެވެ.

މިފަދަ ނާޒުކު ގޮތަކަށް ހޮސްޕިޓަލްގެ ކަންކަން ހުރި އިރު މިކަންކަން ހައްލުކުރުމަށް ކުރީ ކޮން ކަމެއް ހެއްޔެވެ؟ ދިމާވާ ކަމެއްގެ ބޮޑުކަމުން ގަޑިއެއްގެ ތެރޭގައި ހޮސްޕިޓަލަށް ކަރަންޓް ނުދެވިއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރ މުހައްމަދު އާސިމް ވިދާޅުވީ މީގެ ކުރިން ފެނަކައިން އައްޑޫއަށް ކަރަންޓް ދެމުން ދިޔައީ ވަކިވަކި ޖަނަރޭޓަރުތަކުން އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަމަށެވެ. އެހެންވެ މީގެ ކުރިންވެސް އަދި މިހާރުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ހޮސްޕިޓަލުން ކަރަންޓް ނުކަނޑައި ހިފެހެއްޓޭތޯ ކަމަށެވެ.

ނަމަވެސް ދާދި ފަހުން ބެހެއްޓި 2 މެގަ ވޯޓްގެ އިންޖީނާއި އެކު ކިރިޔާވެސް ޓެކްނިކަލް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ގުޅިފައިވާ ރަށްތަކުގެ ބޮޑު ސަރަހައްދަކުން ކެނޑެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލްގައި ހުރި ބެކަޕް ޖަނަރޭޓަރ އިމަޖެންސީގައި ވަގުތުން ހިންގުމަށް ވެދެވެން ހުރި ހުރިހާ އެހީއެއް ވެދިނުމަށް ފެނަކައިގެ ފަރާތުން ވަނީ ހޮސްޕިޓަލަށް އަންގާފައެވެ. އެހެން ނަމަވެސް އެކަމުގައި ލިބިފައިވާ ކުރިއެރުމުގެ ތަފްސީލެއް ނުލިބެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ބެކަޕް ކަރަންޓެއް ނެތި މިހާ ދުވަސް ވުމަކީ ބޮޑު އިހުމާލެކެވެ. މީހެއްގެ ފުރާނައަށް ނުރައްކަލެއް ވުމަކީ އަދި މާ ބޮޑު އިހުމާލެކެވެ. އެކަމަށް ފިޔަވަޅެއް ނޭޅި މިހާ ގިނަ ދުވަސް ވުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫނެވެ.

އެެހެންކަމުން ވީއެންމެ އަވަހަކަށް ހޮސްޕިޓަލްގެ ބެކަޕް ކަރަންޓް ސިސްޓަމް ހައްލު ކުރެވެން ޖެހެއެވެ. ސަރުކާރުގައި އެ ފެންވަރު އެބަހުއްޓެވެ. ހާއްސަކޮށް ފެނަކަ އައްޑޫއިން އެކަން ހައްލުކޮށްދޭން ތިބި ނަމަ ސިކުންތަކަށް ވެސް އެކަން ލަސް ކުރުމަކީ ވެސް ނުރައްކަލެކެވެ.

މިއަދު ހަވީރު ކަރަންޓް ކެނޑިފައި އޮތް ވަގުތާއި ދިމާކޮށް މީދޫން ނުރައްކާތެރި އެކްސިޑެންޓެއް ވެގެން ހިތަދޫ ހޮސްޕިޓަލަށް މީހަކު ގެނައެވެ. އެމީހާއަށް ފަރުވާ ދޭން ޖެހުނީ ކަރަންޓް ނެތިއެވެ.

މިފަދަ ކަންކަމަކީ އާދައިގެ ކަމެއްކަމަށް ދެކިގެން ދެ އަތް އުރާލައިގެން ނުތިބެ ތިމާމެންގެ ފުރިހަމަ ޒިންމާ އަދާކުރުން މުހިއްމެވެ. މުޖްތަމްޢުގެ އެންމެންނާއި ގުޅުން ހުރި މިފަދަ ވާހަކަ ދައްކާ މުވައްޒަފުންނަށް ވަޒީފާ އިން ކަނޑާލާނެ ކަމުގެ އިންޒާރު ދިނުމުގެ ބަދަލުގައި މަސައްކަތް ކުރަންވީ މައްސަލަ ހައްލު ކުރުމަށެވެ.