ލ. އަތޮޅު ކައުންސިލުގެ މެމްބަރުންގެ ޓީމެއް ތަޖުރިބާ ދަތުރެއްގައި އައްޑު އަށް ޒިޔާރަތްކޮށްފި އެވެ.
އެ ކައުންސިލްގެ މި ޒިޔާރަތަކީ އައްޑޫ ސިޓީގެ މަސައްކަތްތައް ހިނގާ ގޮތާއި އައްޑޫގެ ސަޤާފަތާއި ވިޔަފާރި އާއި އައްޑޫ ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތައް ބެލުމަށާއި ދެ ފަރާތުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، އެކުގައި ތަރައްޤީ އަށް މަސައްކަތް ކުރެވޭނެ ގޮތުގެ މަޝްވަރާތައް ކުރެއްވުމަށް ކުރި ވާ ޒިޔާރަތެއް ކަމަށް އަައްޑޫ ކައުންސިލުން ބުންޏެވެ.
މި ދަތުރުގައި ބައިވެރިވަޑައިގެންނެވީ ލ. އަތޮޅު ކައުންސިލުގެ ރައީސް އަބްދުﷲ ޝަރީފް، އިސްދޫ ދާއިރާގެ ކައުންސިލަރު ހުސައިން ނައީސް، ފޮނަދޫ ދާއިރާގެ ކައުންސިލަރު ޝާހީން އިސްމާޢީލް، ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ ނައިބް ރައީސް މޫސާ ޢަބުދުﷲ، ހައްދުންމަތީ ގަމު ކައުންސިލްގެ ނައިބް ރައީސް އަޙްމަދު ޝާހީންގެ އިތުރުން އިދާރީ މުވައްޒަފެކެވެ.
ތިން ދުވަހުގެ ދަތުރުގައި ލ އަތޮޅު ކައުންސިލުން ވަނީ އައްޑޫގެ ގިނަ ތަންތަނަށް ވެސް ޒިޔާރަތްކޮށްފަ އެވެ.
މި ޒިޔާރަތުގެ ތެރެއިން އައްޑޫގެ ގަމުގެ އާސާރީ ބިނާތަކާއި މަރަދޫ ބޮނޑޮގެއާއި އީދިގަލީ ކިޅި އަދި ކޯއްޓޭ ސަރަހައްދުތަކުގެ މަޢުލޫމާތު އައްޑޫ ސިޓީ ކައުންސިލުން ހައްދުންމަތީ ކައުންސިލްގެ ޓީމަށް ވަނީ ދީފަ އެވެ. އަދި ކޯއްޓޭ ވެހެރަފަންނުގައި އައްޑު އަށް ޙާއްސަ ބާވަތްތައް ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ސައިފޮދެއް ވެސް ވަނީ ދީފަ އެވެ.
މީގެ އިތުރުން ހުޅުދޫ އަދި މީދޫގެ ބައެއް ސަރަހައްދުތަކަށާއި އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ ޒިޔާރަތްކޮށް މަސައްކަތް ހިނގާގޮތް ބަލާފައިވެ އެވެ. އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ އާއެކު ބޭއްވި ބައްދަލުވުމުގައި، ގުޅިގެން ކުރެވެން ހުރި ކަންކަމުގެ މަޝްވަރާތައް ދެ ފަރާތުން ކޮށްފައިވެ އެވެ.
އައްޑޫ ދަތުރު ނިންމާލައި ހައްދުންމަތީގެ ކައުންސިލްގެ ޓީމް މިހާރު ތިބީ ފުވައްމުލަކުގަ އެވެ.