2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އައްޑޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް 3،000 އެނދު ފައްކާ ކުރުމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބިޔަ މަޝްރޫޢެއް އިއުލާން ކުރިތާ 10 މަހާއި 10 ދުވަސް ވެއްޖެއެވެ.
އެ މަޝްރޫޢު އިއުލާންކުރުމަށް ފަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ "ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ" ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން 10 މަސް ވެގެން ދިޔައިރު ވެސް އެ މަޝްރޫޢު އަށް ވާނުވާ އެނގެނީ ހަމައެކަނި އެމްއައިޓީޑީސީ އަށެވެ.
އައްޑޫގައި ފަށަން ބުނި ގެސްޓް ހައުސްގެ ބިޔަ މަޝްރޫޢާއި ބެހޭގޮތުން ސަރުކާރުގެ ވުޒާރާ އަކުން އަދި އެމްއައިޓީޑީސީ އަކުން ވެސް މިހާރު ވާހަކައެއް ނުދައްކައެވެ. އެހެންވެ އައްޑޫގެ ގިނަ ރައްޔިތުން ބުނަމުން ދަނީ އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އައްޑޫ ރައްޔިތުންގެ ލޮލުގައި އަޅުވާލި އަނދުނެއް ކަމަށެވެ.
އެމްއައިޓީޑީސީން އިއުލާން ކުރި ގެސްޓް ހައުސް މަޝްރޫޢޫ ކުރުކޮށް
* އަޅާނީ 25 ކޮޓަރީގެ ގެސްޓްހައުސް ތަކެއް
* 3000 އަށް ވުރެ ގިނަ ފަތުރުވެރިކަމުގެ އެނދު
* ގެސްޓް ހައުސް އެއްގެ އަގު އުޅެނީ 3.8 މިލިއަން ރުފިޔާ އަށް.
* މާކެޓް ކުރުމާއި ތަރައްގީ ކުރުން އެމްއައިޓީޑީސީ އިން.
* ގެސްޓްހައުސް ހުންނާނީ ބޭރުން ގެނެސް ރާވާ ގޮތަށް
އައްޑޫގައި އެމްއައިޓީޑީސީން އިއުލާންކުރި ގެސްޓް ހައުސް މަޝްރޫއާ ބެހޭ ގޮތުން، އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވެސް ވަރަށް އުއްމީދީ ވާހަކަތަކެއް ދެއްކެވިއެވެ. އޭރު ޝާހިދު ވިދާޅުވެފައިވަނީ، "ބޭރުން ގެނެސް ރާވާލާ ކޮޓަރިތައް" ގެނެސްގެން 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމަން ޕްލޭން ކޮށްފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވި 18 މަސް ދުވަހުގެ މުއްދަތު ހަމަވާން ބާކީ އޮތީ އެންމެ 8 މަސް ދުވަހެވެ.
އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަކީ ޒަމާނުއްސުރެ އައްޑޫގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެކެވެ. ރައީސް ޔާމީން ވެސް ވެރިކަމަށް ވަޑައިގެންފައި ވަނީ އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވާނެ ކަމުގެ ހުވަފެންތައް ދެއްކެވުމަށް ފަހުގައެވެ. އެގޮތުން 2013 ވަނަ އަހަރުގެ ތެރޭގައި ޕީޕީއެމްގެ ސަރުކާރެއްގައި އައްޑޫގައި "ބިން ހިއްކައިގެން ނަަމަވެސް ފަތުރުވެރިކަމުގެ 5000 އެނދު ޤާއިމްކުރާނެ" ކަމަށް ވެސް ވައުދުވެފައިވެއެވެ.
އެހެން ނަމަވެސް ޕީޕީއެމްގެ ސަރުކާރުގެ ދައުރު ހަމަވާން 6 މަހަށް ވެފައި ވާއިރު މިހާތަނަށް މި ސަރުކާރުން އިއުލާން ކުރި ޕްރޮޖެކްޓަކުން އައްޑޫގައި ފަތުރުވެރިކަމުގެ އެންމެ އެނދެއް ވެސް ޤާއިމްކުރެވިފައެއް ނުވެއެވެ.
އެހެންވެ އައްޑޫގެ ގިނަ ބަޔަކު ބުނާ ގޮތުގައި ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން ކުރާ ހަމައެކަނި ކަމަކީ އިންތިހާބު ތަކާއި ދިމާކޮށް ފޮނި ވާހަކަ ދެއްކުމާއި އެކި އެކި މަޝްރޫޢުތައް އިއުލާން ކުރުން ކަމަށެވެ. އަދި އިންތިހާބު ނިމުމާއި އެކު އެވާހަކަ ތަކާއި މަޝްރޫޢުތައް މަތިން ސަރުކާރުން ހަނދާން ނައްތާލާ ކަމަށް އައްޑޫގެ ގިނަ ބަޔަކު ބުނެއެވެ.