2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދެއްވަން ނިންމާފައިވާ ވަރަށް ގިނަ ކަންތަކުގެ ވާހަކަ އެ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ ގެންދެވީ ހާމަކުރައްވަމުންނެވެ. އޭގެ ތެރެއިން އެއްކަމަކީ، 2017 ވަނަ އަހަރު ނިމުމުގެ ކުރިން ފޭދޫގައި ޤާއިމްކުރާނެ ކަމަށް އައިބީ ވިދާޅުވި ފަތުރުވެރިކަމުގެ 500 އެނދެވެ.
އައިބީ މިހެން ވިދާޅުވި ނަމަވެސް 2017 ވަނަ އަހަރު ނިމިގެން ދިޔައީ އެ ވިދާޅުވި 500 އެނދު ޤާއިމްކުރުމުގެ އެއްވެސް މަސައްކަތެއް ރައްޔިތުންގެ ލޮލަށް ނުފެނިއެވެ. ފަރުދާގެ ފުރަގަހުގައި އެމަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.
ކައުންސިލް އިންތިހާބު ނިމުނު ފަހުން ސަރުކާރުން ވެސް އަދި އައިބީ "500 އެނދުގެ" ވާހަކަ އެއްގޮތަކަށް ވެސް ނުދައްކަވައެވެ.
"އަޅުގަނޑުމެންނަށް ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ 10 ރިސޯޓޭ. 25 ކޮޓަރީގެ 10 ބްލޮކް. މިތާގައި މިއަހަރު(2017) ތެރޭގައި އަޅާ ނިމޭނެ. އެއީ 500 ބެޑު. 250 ކޮޓަރި.އެހެންވީމަ އަލީ ހަނީޒަށް ވޯޓު ދޭން މިބުނަނީ..މިއީ ސަޅިބައިސާއެއް ނޫން މިކަނޑަނީ…މިއީ ކަންކޮށްފަ ދައްކާ ސަރުކާރެއް." 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައި އައިބ ވިދާޅުވެފައި ވެއެވެ.
އައިބީ ވިދާޅުވި 500 ޓޫރިސްޓް އެނދު ގާއިމްކުރަން ހަމަޖެހިފައިވަނީ 2017ގެ "އައްޑޫ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓް"ގެ ދަށުންނެވެ. އެހެން ނަމަވެސް އެ ޕްރޮޖެކްޓް އިއުލާންކުރިތާ 10 މަސް ދުވަސް ވެގެން ގޮސްފައިވާއިރު އަމަލީ ގޮތުން އެއްވެސް މަސައްކަތެއް މިހާތަނަށް ފަށާފައި ނުވެއެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އައިބީ އިންތިހާބު ސިފަކުރެއްވީ "ކޮންމެހެން ފާސްވާން ޖެހޭ ޓެސްޓް ޕޭޕަރެއް"ގެ ގޮތުގައެވެ. އެހެން ނަމަވެސް އައިބީ ވިދާޅުވި ގޮތަށް ފޭދޫން ޕީޕީއެމްގެ ކެންޑިޑޭޓް ނުހޮވުމުން އެރަށުގެ ރައްޔިތުން ވަނީ ޕޭޕަރުން "ފެއިލް"ވެފައެވެ.
ޓެސްޓް ޕޭޕަރުން ފާސްނުވެ، ކަމެއް ނުކުރެވުނީމާ އެ ވާހަކައިގެ ޝަކުވާ އަޅުގަނޑާ ހަމައަށް ނުގެންނެވުމަށް އައިބީ ވަނީ ފޭދޫގެ ރައްޔިތުންނަށް ދަންނަވާފައެވެ. އެހެންކަމަށް ވާއިރު ފޭދޫގައި 2017ގެ ނިޔަލަށް އަޅަން ބުނި 500 އެނދުގެ މަޝްރޫޢަށް އައިބީ އެއްބާރުލުން ނުދެއްވީ ހެއްޔެވެ؟ ނުވަތަ ސަރުކާރުން އެ މަޝްރޫޢު ހުއްޓާލީ ހެއްޔެވެ؟
މި ސުވާލުތަކަށް އައިބީގެ ޖަވާބެއް ރައްޔިތުންނަށް ވަރަށް މުހިއްމެވެ.