ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚު ހޫނުވާ ކޮންމެ ފަހަރަކު އޭގެ އަސަރު ފުލުހުންނަށް ވެސް ކުރެއެވެ. އެކަން އެހެން ދިމާވާ ސަބަބަކީ އޭރަކު ސަރުކާރުގެ އިސްވެރިން ގޮތުގައި ތިބޭ ބަޔަކު ބޭނުންވާ ކަންތައް ކުރުމަށް ފުލުހުންނާއި ސިފައިންގެ އިސް މަގާމުތަކުގައި ތިބޭ މީހުން އިޖާބަ ދިނުމެވެ.
އެގޮތަށް އިޖާބަދޭ އިސްވެރިންނަށް ބައެއް ފަހަރަށް ފުލުފުލުގައި ޕްރޮމޯޝަންތައް ލިބޭ މަންޒަރު ފެނިގެން ދެއެވެ. އަދި ހަަމަ އެ ޕްރޮމޯޝަންތަކަށް މާ ގިނަ ދުވަހެއް ނުވެ ގެއަށް ފޮނުވާލާ މަންޒަރު ފެނިފައި އެބަހުއްޓެވެ.
ފުލުހުންގެ މައްޗަށް ސަރުކާރުގެ ވެރިން ޣައިރު ޤާނޫނީ އަމުރެއް ކުރިޔަސް އެ އަމުރަށް ފުލުހުން ތަބާވާކަށް ނުޖެހެއެވެ. ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 245 ވަނަ މާއްދާގައި ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކަށް ޣައިރު ޤާނޫނީ އަމުރެއް ކޮށްގެން ނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް އަމުރަކަށް ތަބާވާން ނުޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
އަދި މީގެ އިތުރުން ފުލުހުން ހުވާގައި ވެސް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ހިމާޔަތް ކުރާ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެހެންވެ ފުލުހުންނަށް އެމީހުންގެ މައްޗަށް ކުރާ ޤާނޫނާއި ޚިލާފް އަމުރުތަކަށް ތަބާވުމަށް މަޖުބޫރުކަމެއް ނެތެވެ. އަދި ޣައިރު ޤާނޫނީ އަމުރަކަށް ތަބާނުވެގެން އެމީހުންނާއި މެދު ޤާނޫނީ ގޮތުން އެޅޭނެ ފިޔަވަޅެއް ވެސް ނެތްކަން ފާހަގަކޮށްލެވެއެވެ.
މިކަންތައް މިހެން ހުރި ނަމަވެސް ފުލުހުންގެ މުއައްސަސާގެ ތެރެއިން ފެންނަމުން ދަނީ ޕްރޮމޯޝަން ލިބޭނެ ކަމާއި ހިތައި ވެރިން އަންގަވާ ކޮންމެ އަމުރަކަށް ތަބާވުމަށް މަސައްކަތް ކުރާ ތަނެވެ. އެގޮތަށް މަސައްކަތްކުރާ ފުލުހުން ކޮންމެ ކަމެއް ކުރަން ވެސް "ވަރިހަމަ" ވަނީ ސިޔާސީ ވެރިންގެ އެމީހުންނަށް ހިމާޔަތް ދޭނެ ކަމުގެ ޔަގީން ކަމުގައެވެ. ނަމަވެސް އާޚިރު ނަތީޖާ އަކީ "ތުންފުހޭ ޓިޝޫކޮޅެއް"ގެ ގޮތުގައި ސިޔާސީ މީހުން ފުލުހުން ބޭނުން ކުރަމުން ދިޔުމެވެ.
ފޮޓޯ އިން ތިޔަފެނިވަޑައިގަންނަވަނީ ށ.ކަނޑިތީމުގައި ނަގާފައި ހުރި އެމްޑީޕީގެ ދިދައެއް ބޭލުމަށް ފުލުހަކު މަސައްކަތް ކުރާ މަންޒަރެވެ. ސަލާމަތީ ގޮތުން އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތި އެ ފުލުސް މީހާ ދިދައެއް ބޭލުމަށް އަރައި ހުރީ އިސްވެރިޔެއްގެ އަމުރު ތަންފީޒު ކުރުމަށެވެ.
ފުލުހަކު އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ކަމެއް ކޮށްގެން ވެސް ސިޔާސީ ޕާޓީއެއްގެ ދިދައެއް ބާލައިފިއެވެ. އޭނާއަށް ބަދަލުގައި ލިބޭނީ ޕްރޮމޯޝަނެއް ކަމެއް ނުވަތަ ޖަލުގެ ކުޑަގޮޅި ކަން އަދި ތަންކޮޅެއް ފަހުން އެނގިގެން ދާނެއެވެ.