ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު އަރީފް ހައްޔަރުކުރުމަށް އެމަނިކުފާނު ދިރިއުޅުއްވާ މ. ސްނޯ ރޯސްއަށް ފުލުހުން ވަދެ އަރީފު ހައްޔަރުކޮށްގެން ގެސްފިއެވެ.
އަރީފް ހައްޔަރުކުރީ ކޮން ތުހުމަތެއްގައި ކަމެއް ފުލުހުން ހާމަކޮށްފައިނުވާއިރު މިދިޔަ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރައީސުލް ޖުމުހޫރިއްޔާ އަރީފްގެ ފޯނަށް ތަކުރާރުކޮށް ގުޅުމުންވެސް ޖަވާބު ނުދެއްވުމުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ވަގުތުން ވަނީ ވަކިކޮށްފައެވެ.
އަދި ފާއިތުވެދިޔަ ދެ ހަފްތާ ތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފުލުހުންނާއި ސިފައިންގެ ބަޔަކު ވަނީ އެކި ފަހަރު މަތިން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ އެސްއޯ ކޮމާންޑާރ ސައިފްވެސް ހިމެނެއެވެ. ސައިފް މިހާރު ވަނީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު ވެފައިވާ ކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައެވެ.
އަރީފް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރުމަށް ފަހު އަރީފް ހައްޔަރުކޮށްގެން ގެންގޮސްފައިވާއިރު ފުލުހުން އެ އެޕާޓްމެންޓުން އެއްވެސް އެެއްޗެއް ގެންގޮސްފައެއް ނުވެއެވެ. އަދި އަރީފް ހައްޔަރުކުރީ ކޮން ތުހުމަތަކާ ގުޅިގެން ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
އަރީފް މަގާމުން ވަކިކުރުމަށް ފަހު އޭރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ސައުދީ ކޮމިޝަނަރ ގެ މަގާމަށް އައްޔަން ކުރުމަށްފަހު ރައީސުލް ޖުމުހޫރިއްޔާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސައުދީވެސް މަގާމުން ދުރުކޮށްފައެވެ.