އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން އަގުބޮޑު ހަރުމުދާ ގެއްލިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ އޮޑިޓް ރޕޯޓްގައި ބުނެފައިވާ ގޮތުގައި ކައުންސިލުން ދެ ކެމެރާއެއް ވަނީ ގެއްލިފައި ވާއިރު، އެކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ދައުލަތުގެ އިދާރާ އަކާއި ހިއްސާކޮށްފައެއް ނުވެއެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން ކައުންސިލުން ގެއްލިފައި ވަނީ 2010 ވަނަ އަހަރު ކައުންސިލަށް ހޯދި، ކެނޮން ބްރޭންޑްގެ ކެމެރާ އަކާއި 2013 ވަނަ އަހަރު ޕްރޮޖެކްޓެއްގެ ތެރެއިން ހަދިޔާއެއްގެ ގޮތުގައި ލިބުނު ނިކޯން ކެމެރާ އެކެވެ.
މާލިއްޔަތު ޤަވާއިދުގައި ބުނެފައިވާ ގޮތުން ދައުލަތް ބައިވެރިވާ ތަންތަނުގެ ބެލުމުގެ ދަށުގައި ހުންނަ އެއްވެއް އެއްޗެއް ގެއްލިއްޖެ ނަމަ ދައުލަތުގެ ކަމާއި ބެހޭ ފަރާތަކަށް އެކަން އަންގަން ޖެހެއެވެ. އަދި އެކަމެއް ހިނގި ގޮތުގެ ރިޕޯޓަކާއި އެކަމަކާއި ގުޅޭގޮތުން އަޅާ ފިޔަވަޅެއް ވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް އަންގަން ޖެހެއެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކައުންސިލުން ގެއްލުނު ކެމެރާތަކާއި ބެހޭގޮތުން ފިނޭންސް މިނިސްޓްރީ އާއި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ކައުންސިލް އިދާރާއިން ގެއްލިފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ ވަކި މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ މުދާ ތަކެއްކަމުގައި ހަރުމުދަލުގެ ރަޖިސްޓްރީން ދައްކާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އަދި އެހެން ނަމަވެސް އެ މުދާތައް އެއްވެސް މުވައްޒަފަކާއި ލިޔުމަކުން ހަވާލުކުރެވިފައިވާކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.