ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސ. މަރަދޫފޭދޫގައި ހިންގަމުން އަންނަ އެ ކުންފުނީގެ ކަސްޓަމާ ފްރޮންޓް އޮފީސް ވިއްކާލަން ނިންމައި، އެ އިމާރާތް ގަތުމަަށް ޝައުގުވެރިވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިރާގުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ އިމާރާތް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ނަން ނޯޓް ކުރުމުގެ ފުރުސަތު މިއަދާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ދިރާގުގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 3311362 އަށް ގުޅައިގެން ނަން ނޯޓް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނީ ނަން ނޯޓް ކުރާ ފަރާތްތަކަށް މިއަދު މެންދުރު 2:00 ގައި މާލޭގައި ހުންނަ ދިރާގު ހެޑް އޮފީހުންނާއި ހިތަދޫގައި ހުންނަ ދިރާގު އޮފީހަށް ވަޑައިގެން މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.
އަދި މަރަދޫފޭދޫ ދިރާގު އިމާރާތް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިހާރު ވެސް ހުޅުވާލާފައިވާ އިރު، ޕްރޮޕޯސަލް ހުށަހަޅާނެ އެންމެ ފަހު ތާރީހެއް ކަނޑަައަޅާނީ ޕްރީ ބިޑް މީޓިން އިން ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ޕްރޮޕޯސަލް ހުށަހަޅާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ބީލަމުގެ ނަމާއި ނަމްބަރު، ހުށަހަޅަން ކަނޑައެޅިފައިވާ ތާރީހާއި ގަޑި އަދި ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ފަހު ކަމަށެވެ.