ސްކޫލްތަކުގައި ދަރިވަރުން ކިޔެވުމުގައި ބޭނުން ކުރަން ޓެބްލެޓްތައް ހަވާލު ކުރުމުގެެ މަސައްކަތް ތާވަލާ އެއްގޮތަށް މެއި މަހު ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ކުރިން ހަމަޖެހިފައިވާ ގޮތަށް ދެވަނަ ޓާމުގެ ކިޔެވުން ފެށުމާ އެކު ޓެބްލެޓްތައް ދަރިވަރުންނާ ހަވާލު ކުރާނެ ކަމަށެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ނިންމައިފައިވާތީވެ، އެކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބެލެނިވެރިންނަށް ހާއްސަ އޮރިއެންޓޭޝަން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.
ނަމަވެސް އެ ޕްރޮގްރާމް އަދި ކުރިއަށް ނުދާކަން ފާހަގަ ކުރެވެ އެވެ.
ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް ޓެބްލެޓު ހޯދަން ހަވާލުކޮށްފައި ވަނީ މެކްސްކޮމް އާ އެވެ.
އަންނަ މެއި މަހު ސްކޫލުތަކުގައި ޓެބްލެޓް ބޭނުން ކުރަން ފަށާއިރު އެ މަޝްރޫއަށް ސަރުކާރުގެ މި އަހަރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.