ދިވެހިރާއްޖޭގައި އެންމެ ގިނަ ދުވަސްވީ މުވާސަލާތީ ޚިދުމަތްދޭ ކުންފުނި ދިރާގުން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ސިމް ކާޑުތައް ކްލޯން ކުރާ ކަމުގެ ތުހުމަތާއި އެކު ގިނަ ބައެއްގެ ނުރުހުން ދިރާގަށް އަމާޒުވެއްޖެއެވެ.
ސިމްކާޑު ކްލޯން ކުރާ ކަމުގެ ތުހުމަތު ދިރާގަށް އަމާޒުވެފައި މިވަނީ މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމްގެ ބޭނުންކުރަމުން އައި ދިރާގުގެ ސިމް ކާޑު އެހެން މީހަކަށް ދޫކޮށްފައިވާ ކަމުގެ ތުހުމަތު އޭނާ ކުރުމާއި ހިސާބުންނެވެ.
ތައްޔިބު ވަނީ އޭނާގެ ސިމް ކްލޯން ކުރިކަމަށް ބުނެ ދިރާގަށް ސިޓީއެއް ވެސް ފޮނުވާފައެވެ. އެ ސިޓީގައި ދިރާގަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ތޮއްޔިބްގެ ސިޓީގައި ބުނެފައިވަނީ އޭނާ ބޭނުން ކުރަނިކޮށް ސިމްގެ ޚިދުމަތް މެދުކަނޑާލީ، ސިމް ކްލޯން ކުރުމަށް ފަހު ނުވަތަ އެ ނަމްބަރުގައި އެހެން ސިމެއް ދޫކުރުމަށް ކަމަށެވެ.
ސިމް ކާޑު އެހެން މީހަކަށް ދޫކޮށްފައިވާ ކަމަށް ބުނެ ދިރާގަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައި ވަނިކޮށް، ދިރާގުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. ދިރާގުން ބުނެފައިވަނީ އެކުންފުނިން ވެސް ޒިންމާދާރު ޓެލެކޮމް ކުންފުނިތަކުން މަސައްކަތް ކުރާ ފަދައިން އަބަދު ވެސް ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ދިރާގުން ވެސް ރައްކާތެރި ކުރާ ކަމަށެވެ.
"ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށާއި ކަސްޓަމަރުންގެ އިތުބާރަކީ އެ ކުންފުންޏަށް ވަރަށް މުހިންމު އެއްޗެއް" ކަމަށް ދިރާގުން ބުނެފަައިވެއެވެ.
ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ބުނަމުން ގެންދަނީ ތޮއްޔިބްގެ ސިމް ކްލޯން ކޮށްފައި ވަނީ ސަރުކާރުން އެދިގެން ކަމަށެވެ. އަދި ކްލޯންކޮށްފައިވާ ސިމް ކާޑު ބޭނުން ކޮށްގެން ސަރުކާރުން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކޮށްފައިވާ ކަމަށް ވެސް ތޮއްޔިބް ވަނީ ބުނެފައެވެ.
މިވަގުތު ލަންކާގައި ދިރިއުޅެމުން ގެންދާ ތޮއްޔިބަކީ، ސަރުކާރުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ގެންދާ ފަރާތެކެވެ. އަދި ސަރުކާރުގެ ވުޒާރާތަކުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންތަކާއި ބެހޭގޮތުން ވެސް ތޮއްޔިބް ވަރަށް ގިނަ މައުލޫމަތު ސޯޝަލް މީޑިޔާގައި ހިއްސާކުރެއެވެ.