Last Updated: November 25, 17:58
Monday, November 25, 2024
ސިއްހަތު

މޫނުގައި ނަގާ ބިހިތައް ނައްތާލާނީ ކިހިނެއް؟

ކިތަންމެ ރީތި އަންހެނެއްގެ މޫނުގައި ވެސް ނަގާ ކުދި ބިހިތަކެއްގެ ސަބަބުން ސިފަ ބަދަލުވެގެން ހިނގައި ދާނެ އެވެ.
މޫނުގައި ނަގާ ކުދި ބިހިތަކަކީ ޒުވާންކަމުގެ ހެއްކެކޭ ވެސް ބުނެ އުޅެ އެވެ. ނަމަވެސް ޒުވާންކަމުގެ ހެކި ދެއްކުމުގެ ގޮތުން މޫނުގައި ކުދި ބިހި ނަގަން އަޅާނުލައި ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫނެވެ.

މޫނުގައިވާ ކުދި ބިތަކުގައި އަތް ނުލާށެވެ. އެ ބިހިތައް ކޮށްޓައި އަތްލައި ހެދުމުން މޫނުގެ ސިފަ ބަދަލުވެ އެހެން ހިސާބުތަކުގައި ވެސް ބިހިތައް ނެގުން އެކަށީގެން ވެ އެވެ. ހަމައެއާ އެކު ބިހި ރަނގަޅު ވިޔަސް ބޮޑު ނިޝާނެއް މޫނުގައި ހުރުން އެކަށީގެންވެ އެވެ.

ބާލީހުގެ އުރަ އަވަސް އަވަހަށް ބަދަލުކުރުން ރަނގަޅެވެ. ސަބަބަކީ މޫނުގައިވާ ބިހިތަކުގެ ޖަރާސީމު ބާލީހު އުރައިގައި ހޭކިފައި ހުރުމުން އެ ބާލީހުގައި އޮށޯންނަ އެހެން މީހުންނަށް ވެސް އެޖަ ރާސީމުގެ އަސަރު ކުރާނެތީ އެވެ. ފެންވާރާ އިރު މާ ހޫނު ފެނުން ފެންވެރުން ރަނގަޅެއް ނޫނެވެ.
ސަބަބަކީ މާ ހޫނު ފެނުގެސަބަބުން ހަށިގަނޑުގައިވާ މުހިއްމު ތެލުގެ މާއްދާއެއް ދޮވެވިގެން ދާތީ އެވެ. އަދި ފެން ހިއްކާ އިރު ވެސް މާ ބާރަށް ހަންގަޑު އުނގުޅާ ނެހެދުން ރަނގަޅެވެ.

މާ ބާރަށް ހަންގަނޑު އުނގުޅުމުގެ ސަބަބުން ހަށިގަނޑުގައިވާ މި ތެލުގެ މާއްދާ ހުންނަ ހަންގަނޑު ކެހިގެން ހަންގަނޑު އިތުރަށް ކުރަކިވެގެން ހިނގައިދާނެ ކަމަށްޓަކަ އެވެ.
ތާފަނާ ފެނުން ފެންވެރުން މައްސަލައެއް ނޫނެވެ. ބިހިތަކުގެ ދުޅަ މަޑު ކުރުމަށްޓަކައި އައިސް އަޅައި މަސާޖު ކޮށްލުން ރަނގަޅު ވާނެ އެވެ. މިގޮތުން ދުޅަ މަޑުވުމާއި ބިހީގެ ސަބަބުން މޫނުގައި ރަތްވެފައިވާ ހިސާބުގެ ރަތްކަން ކަނޑައިގެން ދިޔުމާއި ތަދުމަޑުވުން ހިމެނެ އެވެ.

ކިތަންމެ ގާތް އެކުވެރިޔަކާ އެކު ވެސް މޭކަޕްގެ ބައެއް ސާމަނުތައް ހިއްސާކުރުން ރަނގަޅެއް ނޫނެވެ. ސަބަބަކީ އެކެއްގެ ހަންގަނޑުގައިވާ ޖަރާސީމެއްގެ ސަބަބުން އަނެކެއްގެ ހަންގަނޑު ހަލާކު ވެދާނެތީ އެވެ.

ދުވާލެއްގެ މައްޗައް 6 ތަށި ނުވަތަ 8 ތަށި ފެން ބޯން އާދަ ކުރާށެވެ. މީގެ ސަބަބުން ހަށިގަނޑުގައިވާ ވިހަ މާއްދާއެއް ދަލާ އެކު ބޭރުވެގެން ދާނެ ކަމައްޓަކަ އެވެ. އަދި އަބަދުވެސް ހަންގަނޑު މާ ބޮޑަށް ހިކިޔަ ނުދިނުމަށްޓަކައި މިއީ ކުރެވޭ ފަރުވާއެކެވެ.

* މޫނު ދޮވުމުގެ މުހިއްމުކަން:

މޫނުގައި ބިހިތައް ނަގަނީ ޖަރާސީމެއް މޫނުގައި ގިނަވުމުގެ ސަބަބުންނެވެ. ވީމާ މޫނު ދޮވުމަށްޓަކައި އެންޓިބެކްޓީރިޔަލް ފޭސް ވޮޝް އެއް ބޭނުން ކުރުން ރަގަނޅެވެ. ކިތަންމެ ވަސް ރަނގަޅު ވިޔަސް ތެލުގެ އެއްވެސް ބާވަތެއް ހުންނަ މޫނު ދޮންނަ އެއްޗިއްސެއް ރަނގަޅެއް ނުވާނެ އެވެ.
ވިޓަމިން އީ މާއްދާ އެކުލެވޭ މޫނުދޮންނަ އެއްޗިހި ރަނގަޅު ވާނެ އެވެ. އަދި މޫނުގައި ޓޯނާއެއް ބޭނުން ކުރުމާއި ބޭރަށް ގޮސްފައި އައުމާ އެކު މޫނު ދޮންނަން އާދަ ކުރަން ވާނެ އެވެ.

ބޭރަށް މެންދުރު ވަގުތު ދާ ނަމަ އޮއިލް ފުރީ ސަންސް ކުރީމްއެއްގެ ކުޑަމިންވަރެއް މޫނުގައި އުނގުޅުން ރަނގަޅެވެ. މާ ގިނައިން ސަންސް ކްރީމް މޫނުގައި އުނގުޅުމުގެ ސަބަބުން ދާހިތްލުމާ އެކު މި ދެބައި އެކުވެއްޖިއްޔާ ބިހި ނެގުން އަވަސް ވާނެ އެވެ.
އަދި މޫނުގެ ހަންގަނޑު ހިކޭނެ އެވެ. ދުވާލަކު މަދުވެގެން 3 ފަހަރު ސައިބޯނިލަ އިގެން މޫނު ދޮންނަން ޖެހޭނެ އެވެ. އަދި މޫނުގައި ކޯލްޑް ކުރީމެއް އުނގުޅުން ބުއްދިވެރި އެވެ. އަދި މި ސައިބޯންޏަކީ ވީހާ މައިލްޑް ސައިބޯންޏަކައް ވުން މުހިއްމެވެ.

* މޫނުގެ ފަރުވާ

1. ކޮންމެ ދުވަހަކު މަދުވެގެން 3 ފަހަރު މޫނު ދޮންނާށެވެ. އަދި މިގޮތުން މޫނު ދޮންނަ އިރު ވީހާ ވެސް މައިލްޑު ސައިބޯންޏެއް ބޭނުން ކުރާށެވެ.

2. ސައިބޯނި ނުލާވެސް ވީހާ ގިނައިން ހުސް އެކަނި ތާފަނާ ފެނުން މޫނު ދޮންނަން އާދަ ކުރާށެވެ.

3. ހަފްތާ އަކު ދެ ފަހަރު މަދުވެގެން މޫނު ސްޓީމް(އާވިއެރުވުން) އާދަ ކުރާށެވެ.

4. މޫނަށްޓަކައި ވަކިޙާއްސަ ސައިބޯނިއާ ތުވާލި ބޭނުން ކުރާށެވެ.

5. ތެޔޮ ހުންނަ އެއްވެސް ކާނާއަކުން ދުރުހެލިވާށެވެ.

6. ވީހާ ގިނައިން މޭވާ އާއި ތަރުކާރީ ކެވޭތޯ މަސައްކައް ކުރަން ޖެހޭނެ އެވެ.

7. ތެޔޮ ހުންނަ ކޮސްމެޓިކްތަކާ ވެސް ދުރުވާށެވެ.

8. ރޭގަނޑު ނިދުމުގެ ކުރިން މޫނު ދޮވެ ތާޒާކޮށްލަން ރަނގަޅު ވާނެ އެވެ.

* މޫނު ދޮންނަން ބޭނުން ކުރާ ޓޯނާ:

2 ކިޔުކަންބާ ގެ ފެން

2 ސައިސަމުސާ ފިނިފެން

މި ދެބާވަތް އެއްކޮށްލުމަށް ފަހު ފުރިޖްގައި ފިނިކޮށްލަން 15 މިނެޓް ބަހައްޓާލާށެވެ.

މޫނު ދޮންނާނެ ގޮތް:

ފުރަތަމަ މޫނު ދޮންނާނީ ތާފަނާ ފެނުން ނެވެ. ޖޯންސަން ބޭބީސޯޕް ވެސް ރަނގަޅުވާނެ އެވެ.

* މޫނުގައި އުގުޅާ މާސްކު:

2 ބިހުގެ ރީނދޫ ބައި

1 ސައި ސަމުސާ ޔޯގަޓު

ކުޑަ ރީނދޫކޮޅެއް

1/2 ޖޯޑު ގާނާފައި ހުރި ހުދު ކެލާ

މި އެއްޗެހި ރަނގަޅަށް އެއްކޮއްލާށެވެ. އަދި 10 މިނެޓް ފަހުން މާސްކެއްގޮތަށް މޫނުގައި ލާށެވެ. ބައިގަޑި އިރު ފަހުން ހުސް ފެނުން މޫނު ދޮވެލާށެވެ. އަދި ކުރިން ބުނެވިދިޔަ ޓޯނާއިން މޫނު ސާފުކޮށްލާށެވެ. ދެން ކޯލްޑް ކުރީމެއް އުނގުޅާލުން ރަނގަޅު ވާނެ އެވެ.