ބަންގްލާދޭޝްގެ ނެޝަނަލް ބޭންކް ލިމިޓެޑް (އެންބީއެލް)ގެ ބްރާންޗެއް އަންނަ މަހު އައްޑޫގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ބޭންކުގެ ލޯކަލް އެޖެންޓު ބުނެފި އެވެ.
އައްޑޫގައި ވަޒީފާ އަދާކުރާ ބަންގްލާދޭޝް މީހުން ގައުމަށް ފައިސާ ފޮނުވުމުގެ ހިދުމަތަށް ދިނުމަށް ހާއްސަކޮށް ހުޅުވާ "އެންބީއެލް މަނީ ޓްރާންސްފާ، އައްޑޫ ބްރާންޗް" ގެ ހުޅުވުމުގެ ހުއްދަ އަށް އެދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުށަހަޅާފައިވާއިރު އަންނަމަހުގެ ތެރޭގައި ބްރާންޗް ހުޅުވޭވަރު ވާނެ ކަމަށް އެންބީއެލްގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
އޮފިޝަލް ވިދަޅުވީ އައްޑޫގައި އެންބީއެލްގެ ގޮތްޕެއް ހުޅުވުމުގެ މަަސައްކަތް ކުރަމުންދަނީ ބަންގްލަދޭޝް ހައިކޮމިޝަނާއި ދިވެހި ސަރުކާރާއި ގުޅިގެން އެފަރާތުގެ ވަރަށް ބޮޑު އެހީތެރިކަމަކައިއެކުއެވެ.
"އަޅުގަނޑުމެން މިކަން މި ކުރަނީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނާ ވެސް ގުޅިގެން ރާއްޖޭގެ ސަރުކާރުގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބިގެން،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އައްޑުގައި ބަންގްލަދޭޝްގެ 2000- 4000 އާ ދެމެދުގެ އަދަދަކަށް މީހުން ވަޒީފާގައި އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"މިހާރު އެހާ ފަސޭހަ ގޮތަކަށް ނޫން ފައިސާ ފޮނުވުމުގެ ކަންތައްތައް ހަމަޖެހިފައި އޮންނަނީ. އެހެންވެ ވީހާ ވެސް ފަސޭހަ އިން އަވަހަށް ފައިސާ ފޮނުވޭނެ އިންތިޒާމްތަކެއް އަޅުގަނޑުމެން މި ހަމަޖައްސައި ދެނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެންބީއެލްގެ އައްޑޫ ބްރާންޗް ހުޅުވުމަށް ހަމަޖެހިފައި ވަނީ ފޭދޫ ލިންކް ރޯޑްގައި ހުރި އިމާރާތެއްގަ އެވެ. ކުއްޔަށް ނަގާފައިވާ އެ އިމާރާތުގައި ބްރާންޗް ހުޅުވުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް މިހާރު ވަނީ ނިންމައިފަ އެވެ.
އެންބީއެލް އަކީ ބަންގްލާދޭޝްގައި ހުޅުވި ފުރަތަމަ ފްރައިވެޓް ބޭންކެވެ. މާޗް ،28 1983 ގައި ހުޅުވި އެ ބޭންކްގެ 149 ބްރާންޗް ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގަ އެވެ.