އިންޑިޔާގެ ނިމްސް ހޮސްޕިޓަލުގައި ނާސިން އެކްސްޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމަށް މިއަދު މެންދުރު ފުރަން ހަމަޖެހިފައިވާ، 26 ދަރިވަރަކަށް އަދިވެސް ވިސާ ހަމަޖެހިފައި ނުވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގައި ބެޗެލަރ އޮފް ނާސިން ކޯސް ފުރިހަމަ ކުރާ ދަރިވަރުންގެ ވިސާގެ ކަންތައް ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން އެތަނުގެ އިސްވެރިން އޮތީ މީގެ ކުރިން ދީފައެވެ.
މިއަދު ފުރަން ހަމަޖެހިފައިވާ ދަރިވަރަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި، 2 ހަފްތާގެ ތެރޭގައި ވިސާ ހަމަޖެހޭނެ ކަމުގެ ޔަގީންކަން ޔުނިވާސިޓީން ދިން ނަމަވެސް ފަހުން އެކަމާއި ބެހޭގޮތުން ސަބްޖެކްޓް ކޯޑިނޭޓަރަށް ގުޅައި މެސެޖްކޮށްގެން ވެސް ޖަވާބެއް ނުލިބުނު ކަމަށެވެ.
"ނާސިންގެ ކޯހުގެ ދަރިވަރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި އެމްއެންޔޫގެ ފަރާތުން މީގެ ކުރިން ވަނީ އެޑިއުކޭޝަން މެދުވެރިކޮށް ވިސާ ހަމަޖެހޭނެ ކަމަށް ދަރިވަރުންނަށް އަންގާފައެވެ."
"އިއްޔެ މެންދުރު 1 ގެ ފަހުން ސަބްޖެކްޓް ކޯޑިނޭޓަރު ގުޅާފަ ބުނި ވިސާ ހަމަނުޖެހެ ކަމަށް. އަދި އެކުއްޖަކު އަމިއްލަ އަށް ވިސާ އޮންލައިންކޮށް ހަމަޖެއްސުމަށް" ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ދަރިވަރު ބުންޏެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ދަރިވަރު ބުނިގޮތުގައި އޮންލައިންކޮށް ވިސާއަށް އެޕްލައި ކުރުމުން ހައިކޮމިޝަނުން ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި އެމްއެންޔޫގެ ފަރާތުން އެ ދަރިވަރުންގެ ވިސާގެ ކަންތައް ހަމަޖެއްސުމަށް އެއްވެސް މައުލޫމާތެއް މީގެ ކުރިން ހައިކޮމިޝަނާއި ހިއްސާކޮށްފައެއް ނުވެއެވެ.
އިންޑިއާއަށްދާން ވިސާ ނުލިބިފައިވާ އިރު އިންޑިއާގެ ނިމްސް ގްރޫޕާއި ސަރުކާރާއި ދެމެދު ވަނީ މައްސަލަތަކެއް އުފެދިފައެވެ. ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސް އާއި ހަވާލު ކުރި މަސައްކަތް މިހާރު ސަރުކާރުން ވަނީ މަޑު ޖައްސާލާފައެވެ.