Last Updated: November 25, 17:58
Monday, November 25, 2024

(އެޕްރީލް 11، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"ތީ ހުސްނާމެންގެ މާތްކަން.. އަހަރެންގެ އެއްބަނޑު އެއްބަފާ މީހުންނަށް ވުރެ ހުސްނާމެން އަހަރެމެންނަށް ރަނގަޅު. ދޫކޮއށްލާފައި ދާހިތެއް ވެސް ނުވޭ. އެކުން މިހާރު އެ އުޅޭ ދޮންމަންމަ އާ ހެދި ގޭގައި އުޅުން ވެސް އޮންނަނީ ބޮޑު ކަމަކަށްވެފައި. އަބަދު ކުދި ކިޔަނީ. އަސްލު އިންޑިޔާ އަށް ބަދަލުވާން މި އުޅެނީ ވެސް އެހެންވެ." ހާލިދާ އޭނާ އިންޑިޔާ އަށް ބަދަލުވާން އުޅޭ ސަބަބު ހުސްނާ އަށް ހާމަކޮށް ދިނެވެ.

އެ ވަގުތު މަރިޔަންފުޅު އާދައިގެ މަތިން އެންމެނަށް ސައި ހަދައިގެން ގެނައެ ވެ. މިހާރު އާއްމު ގޮތެއްގައި މަރިޔަންފުޅު އެ ގެއަކު ނޫޅެ އެވެ.
ކާސިންބެ އާ ކައިވެނި ކުރުމަށް ފަހު ދޮން ދަރިން ކައިރި އަށް އެ ގެއަށް މަރިޔަންފުޅު ބަދަލުވީ އެވެ. އެހެނަސް ބައެއް ރޭރޭ ސާރާ ކައިރި އަށް މަރިޔަންފުޅު އާދެ އެވެ. އަދި ހުސްނާ އަށް އަތްގާތްކޮށްލަ ދޭން ވެސް ބައެއް ފަހަރު މަރިޔަންފުޅު އާދެ އެވެ.
މަރިޔަންފުޅު ސައި ބަހައްޓާފަައި ދިޔުމުން އަނެއްކާ ވެސް ހުސްނާ ވާހަކަ ދައްކަން ފެށި އެވެ.

"ހާލިދާ…ތި ގޮތަށް ނިންމައިފިއްޔާ ދެން ހެދޭނެ އެއްގޮތެއް ވެސް ނޯންނާނެ. ފުރަނީ ކޮން ދުވަހަކު؟" ހުސްނާ ގޮތް ހުސްވެފައިވާ މީހެއްހެން އަހާލި އެވެ.

"ކުރިއަށް އޮތް ހަފުތާތެރޭގަ. މިހާރު ވަރަށް ގިނަ ސާމާނު ކަނޑު މަގުން ފޮނުވައި ވެސް ފިން." ހާލިދާ ބުނެ ދިނެވެ.

"ހަމަ ތެދެއް؟ އެއްވެސް ކަމެއް ބޭނުން ނަމަ ނުބުނެ ނުހުންނާތި އިނގޭ. މަ ވެސް ދެކެނީ ހާލިދާ ތީ މަގޭ ތިމާގެ މީހެއްގެ ގޮތުގައި." ހުސްނާ ހިތްހެޔޮކަމާ އެކު ބުނެލި އެވެ.

"ނަސީމު… ނަސީމު ކަމެއް ތި ގޮތަށް ނިންމާނީ ވަރަށް ވިސްނާފަައިކަން ގައިމު. އަހަރެންނަށް އިވިފައިވާ ގޮތުން އެ ކަރައިން ތައުލީމު ވެސް މާރަނގަޅު. އަހަރެމެންގެ މުރާދު ވެސް ނަސީމުމެން ބަދަލުވީމާ އެ ކޮޅަށް ފޮނުވާނަން."

ކަރީމު އޭނާގެ ހިޔާލު ވެސް ފާޅު ކުރި އެވެ. އަދި ކަރީމުގެ ނިންމުމާ މެދު ހުސްނާ ވަރަށް ހިތްހަމަޖެހުނެވެ.

އެވަގުތު އެ މީހުންނަށް އިވިގެން ދިޔައީ ސާރާގެ ހިތްގައިމު އަޑެވެ. ލަވައެއްގެ ސިފައިގަ އެވެ. ﷲ ސާރާ އަށް އޭނާގެ ރީތިކަމާ އެއްވަރުގެ ފުރިހަމަ ރީތި އަޑެއް ވެސް ދެއްވާފައިވެ އެވެ.

"އަހަރެންގެ ހަޔާތަށް އަދި ބަހާރު މޫސުމް އަންނާނެ އެވެ.
ފިނިކަމާ ތާޒާކަމާ އެކުގަ އެވެ.
އިރުގެ މަޑު ހޫނު އަހަރެންނަށް އިހްސާސްވާ ފަދައިން އިރުގެ ރަން ދޯދި ފެނުމުގެ ނަސީބު ވެސް އަދި އަހަރެންނަށް ލިބޭނެ އެވެ.
މިއަދު ކަލޭގެ ގައިގާ އަތްލެވޭ ފަދައިން މާދަން އަހަރެންނަށް ކަލާ ފެންނާނެ އެވެ.

ސާރާ މުސަޅު އޭނާގެ ކޯތާފަތާ ކައިރިކޮށްލި އެވެ. އަދި ކިޔަން ފެށި އެވެ.

ކަލާ ސިއްރުން ތިޔަ ބުނާ ވާހަކަ އަހަރެންނަށް އެބަ އެނގެ އެވެ.
ކަލާ މަޑުވެފައި ހީވަނީ ކަފަކޮޅެއްގަ އަތްލެވޭހެންނެވެ. އެހެނަސް ކަލާ ފެނުމުގެ ނަސީބު ލިބޭނީ ކޮން ދުވަހަކުން ބާއޭ ހިތަށް އަރާ ރޮވެ އެވެ.

ލޮލުން ފޭދުުނު ސާރާ ކަރުނަ ފޮހެލި އެވެ.

ހުވަފެނަކީ ސީދާ ވާ އެއްޗަކަށްވާ ނަމަ މަގޭ ހުވަފެން ސީދާ ވާނެ އެވެ.

ސާރާ އޭނާގެ ލަވަ ކިޔަމުން ގޮސް އޭނާގެ ކޮޓަރިއށް ވަނެވެ. ސޫރަޖްގެ ކައިރިން ލާފައި ދިޔަ އިރު ވެސް ސާރާއަކައް އިހްސާސެއް ނުވި އެވެ.

ސޫރަޖް ވެސް ގޮސް ހާލިދާމެން ކައިރީ އިށީނެވެ. ފިނިވެފައިވާ ހިތަކައިގެންނެވެ.
ހާލިދާމެން އިންޑިޔާ އަށް ދާން ނިންމި ނިންމުން ވީ ސޫރަޖަށް ވެސް ހިތްދަތިކަމެއް ލިބުނު ނިންމުމަކަށެވެ. މީގެ ކުރިން އޭނާ އަށް ދޭރެތެ ދޭތެރެއިން ސާރާ އާ ބައްދަލު ކުރުމަަށް ބަހަނާއެއް އޮވެ އެވެ. ސާރާ ކައިރި އަށް އެ ގެ އަށް އާދެ ވެ އެވެ. އެހެނަސް އިންޑިޔާ އަށް ދިޔުމަށް ފަހު ދެން ފެންނާނެ ކަމެއް ވެސް ނޭނގެ އެވެ. އެއްވެސް ވަރަކަށް ސާރާ ނުފެންނާނެ އެވެ. ސޫރަޖްގެ މި ހިޔާލުތަކުން ސޫރަޖަށް ހާސްކަމެއް ލިބުނެވެ.

ގެ އަށް ދެވުމާ އެކު ކޮޓަރިއަށް ވަދެ ދޮރު ލައްޕައު ތަންޑު އެޅި އެވެ. ފޮތްކިޔަން ފެށި އެވެ. އެކަމަކު އެކަމަކުން ވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. އެނދުގެ ދެ ފަރާތަށް ފުރޮޅި ފުރޮޅި އޭނާ ވަރުބަލިވި އެވެ. އަވަސް އަވަހަށް ތެދުވެ ތައްޔާރުވެލި އެވެ. އެހެންޏާ ނުވާހާ މިންވަރަށެވެ. މިއަދު އޭނާގެ ހިތުގެ ހާލު ސާރާ ކައިރީ އޭނާ ކިޔައި ދޭނެ އެވެ.

ސޫރަޖް އަށް ސާރާމެން ގެ އަށް ދެވުނު އިރު ސިޓިން ރޫމްގެ ފަނޑު އައްޔެއް ފިޔަވައި އެހެން އައްޔެއް ބޭރަކު ނެތެވެ. ގެ ހީވަނީ ފަޅުވެފައިވާ ތަނެއް ހެންނެވެ.

މުރާދުގެ ކޮޓަރިން ކޮންމެވެސް ވަރެއްގެ އަލިކަމެއް ފެންނަން ހުއްޓެވެ. ހީވާ ގޮތުން އޭނާ ފިލާވަޅު ދަސްކު ރަނީ އެވެ. ތެދެކެވެ. މިދުވަސްކޮޅަކީ ތިން ވަނަ ޓާމް ޓެސްޓުގެ ބުރަ ދުވަސްކޮޅެވެ.
އަސްލު ސޫރަޖް ވެސް މި ދުވަސްކޮޅު ހުންނަން ވާނީ ފޮތްތައް ހިފައިގެންނެވެ. ނަމަވެސް އޭނާ އިންޑިޔާ އަށް ދާން މިހާރު އޮތީ ހުރިހާ ކަމެއް ނިމިފަ އެވެ.
އެހެންވެ ފޮތްތަކުގަ އަތްލުމަކީ މާ އެދެވޭ ކަމެއް ކަމަކަށް އޭނާ ނުދެކެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު އޭނާ އެހެރީ ސާރާމެންގެ އަށް އައިސްފަ އެވެ.
އަސްލު ގަޑިން ވީއިރެއް ވެސް އޭނާއަކައް ނޭނގެ އެވެ. މި ގަޑީގައި މިގެ އިން އޭނާ ފެނިއްޖެއްޔާ ދެން ވާނެ ގޮތެއް ވެސް ކުރިއަކުން އޭނާ ވިސްނާނުލަ އެވެ.
އެކަމަކު މިހާރު އޭނާ ހާސްވެއްޖެ އެވެ. އޭނާ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ދާން ހިނގައިގަތެވެ. އެ ވަގުތު އޭނާގެ ފިޔަވަޅު ހުއްޓުނީ ދެ މީހަކު ވާހަކަ ދައްކާ އަޑު އިވިގެންނެވެ.
އޭނާގެ ފައި އެ ދިމާލަށް އެޅެން ފެށީ އެއްގޮތަކަށް ވެސް އޭނާގެ އިހްތިޔާރުގައި ނޫން ކަހަލައެވެ. މަޑުމަޑުން އޭނާ ކުރިޔަށް ދިޔަ އެވެ. ސާރާގެ ކޮޓަރި ކައިރި އަަށް ގޮސް އޭނާ ހުއްޓުނެވެ.

"ބޮޑުދައިތާ…އަޅުގަޑަށް ދުވަހަކުވެސް ފެންނާނެ ހެނެއް ހިއެއް ނުވޭ." ސާރާގެ ކަރުނަ ވީއަޑު ސޫރަޖަށް އިވުނެވެ.

"ދަރިފުޅާ… މާތް ރަސްކަލާންގެ ރަސްކަންފުޅަށްޓަކައި ތިކަ ހަލަ ވާހަކަ ނުދައްކާ. އިރާދަކުރެއްވިއްޔާ ތިޔަ މާ ބޮޑު ކަމަކަށް ނުވާނެ."
މަރިޔަމްފުޅުގެ އަޑު އިވުމުން ކޮޓަރިން ވާހަކަ ދައްކަނީ ސާރާ އާ ކާކުކަން ދެނެގަންނާކަށް ސޫރަޖަކަށް މާކަ އުނދަގުލެއެއް ނުވި އެވެ.

"ބޮޑުދައިތާ… މި ވަގުތު ގަޑިން ވީ ކިހާއިރެއްތަ؟" ސާރާ ހާސްކަން އެކުލެވިފައިވާ އަޑަކުން އަހާލި އެވެ.

"ދިހަަގަޑި ބައިވީ." މަރިޔަންފުޅު ކުރު ޖަވާބެއް ދިނެވެ.

"ބޮޑުދައިތާ… ސޫރަޖްބެ އުޅެނީ އިންޑިޔާ އަށް އް ބަދަލުވާން. އޭރުން އަޅުގަނޑު ކިހާ އެކަނި ވާނެދޮގެއްތޯ… އަޅުގަނޑު ވެސް އެ މީހުންހެން ކިޔަވާން ސްކޫލަށް ދާހިތް ވަރަށްވޭ. އެހެނަސް ލޮލަށް ނުފެންނާތީ ކިޔަވާނީ ކިހިނެއް؟"

(ނުނިމޭ)