މާލޭގެ ރަސްރަނި ބަގީޗާގައި ތަރައްޤީ ކުރަމުން އަންނަ "ވިންޓާ ތީމް" މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރާ ކަމަށް، ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރަސްރަނި ބަގީޗާގައި ހަދާ 'ވިންޓަރ ތީމް' އަކީ ޓޫރިޒަމް ސެކްޓަރގެ ސީއެސްއާރު އިން ޚަރަދު ކުރެވޭ މަޝްރޫޢެއް ކަމަށާއި، ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް މި މަޝްރޫޢަށް ނުކުރާ ކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު، ރޭ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރަސްރަނި ބަގީޗާގައި ތަރައްޤީ ކުރާ "ވިންޓާ ކޯނާ" ގެ މަސައްކަތް މި އަހަރުގެ ރޯދަ މަހުގެ ކުރިން ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެ އިންޓަވިއުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ސްނޯ ތީމަށް ހަދާ އިމާރާތަށް ބޭނުންވާ ސާމާނުތައް ތައްޔާރުކޮށްފައިވާ ކަމަށާއި އެތަކެތި ތައްޔާރުކޮށްފައިވަނީ ފްރާންސާއި ސުވިޒަލޭންޑުގެ ކުންފުންޏެއްގެ ފެކްޓަރީއެއްގައި ކަމަށެވެ.
އަދި އެ އިމާރާތަށް ބޭނުންވާ ސާމާނު ތައްޔާރުކުރުމަށް އެ ކުންފުނިން ރާއްޖެ ޒިޔާރަތްކޮށް ބޭނުންވާ މައުލޫމާތު ނަގާފައިވާ ކަމަށާއި ގިނަ ވަގުތުތަކެއް ހޭދަވެގެން ދިޔައީ އެ މަސައްކަތަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
Rasrani Bageecha gai hadhaa "Winter Theme" akee Tourism sector ge CSR in kharadhu kurevey mashroou eh. Dhaulathuge budget in evves kharadheh mi mashroou ah nukurey.
— Dr Mohamed Muizzu (@MMuizzu) March 10, 2018
މިނިސްޓަރު މިހެން ވިދާޅުވިއިރު، އެ މަސައްކަތަކީ އެ މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަަހަށް ނިންމާ ހުޅުވަން އަމާޒުކޮށް އިއުލާން ކުރި މަސައްކަތައްކަން ފާހަގަކޮށްލެވެއެވެ.
އެ ޑިސެމްބަރުގައި ރާއްޖެއަށް "ފިނި މޫސުން" އަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ވެސް އެތަނުގެ މަސައްކަތް ނިމިފައި ނުވެއެވެ.
މުއިއްޒު ވިދާޅުވީ އެ މަސައްކަތްތައް ނިންމާ، ރާއްޖެއަށް ސްނޯ މެޝިނާއި އެތަން ހެދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ގެނެސްފައިވާ ކަމަށާއި އެތަން ރޭވުމަށްޓަކައި ފުރަތަމަ އަޅަން ޖެހޭ ފައުންޑޭޝަންނާއި ކުރަން ޖެހޭ ކޮންކްރީޓު ހުރިހާ މަސައްކަތެއް ވެސް މިހާރު ނިންމާފައިވާ ކަމަށެވެ.
އަދި ކޮންކްރީޓް ބިންގާގެ މައްޗައް އެތަން ރޭވުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށާއި އެއަށް ފަހު 45 ދުވަހުގެ ތެރޭގައި މުޅި އިމާރާތް އެއްކޮށް ނިމޭނެ ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އުންމީދަކީ ރޯދަ މަހުގެ ކުރިން އެތަނުގެ މަސައްކަތް ނިންމުމެވެ.