Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

އުސޫލުތަކާ ހިލާފަށް ކަންކުރާތީ ހިތަށް އުނދަގޫވޭ: ރިޔާޒް

ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމްގެ ފަރާތުން ހުށަހަޅާފައިވާ، އެންޓި ޑިފެކްޝަން ބިލުގައި ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވި ގޮތުގައި މަޖިލީހުގެ ގޮނޑި ގެއްލިއްޖެކަން ކަނޑައަޅަން ޖެހޭނީ ހަމައެކަނި ސުޕްރީމް ކޯޓުން ކަމަށެވެ.

"މާ ދިގުކޮށް ވާހަކަ ދައްކައިފިއްޔާ ގޯސް އެއްޗެއް ބުނެވިދާނެ، އަޅުގަނޑު ވަރަށް ހިތަށް އުނދަގޫވޭ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުންދާތީ،" ރިޔާޒް ވިދާޅުވި އެވެ.

ޤާނޫނު އަސާސީގައި މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުމުގެ މައްސަލައިގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ އެންޓި ޑިފެކްޝަން ބިލު ވެސް ހަދަން ޖެހޭނީ ގާނޫނުއަސާސީއާ ހިލާފު ނުވާ ގޮތަށް ކަމަށެވެ.

އެންޓި ޑިފެކްޝަން ބިލްގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވާ މައްސަލައަށް އިޝާރަތް ކުރައްވައި ރިޔާޒް ވަނީ މެންބަރުންގެ މައްޗައް ފިޔަވަޅު އެޅުމުގެ ބާރެއް އިލެކްޝަން ކޮމިޝަން (އީސީ) އަށް ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އިލެކްޝަންސް އަށް އެފަދަ ބާރެއް ދިނުމަށް އޭނާ އެއްބަސްވެވަޑައި ނުގަންނަވާނެ ކަމަށާއި އެއީ ހަމަޖެހޭ އުސޫލެއް ވެސް ނޫން ކަމަށެވެ.