ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން މި އަހަރު ހިންގާނެ ހަރަކާތްތައް ރޭވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ މަޝްވަރާކޮށްފި އެވެ.
އެ ރިސޯޓްގެ ދައުވަތަކަށް ޝަންގްރިއްލާ ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ ސީއެސްއާރްގެ ދަށުން ދެފަރާތް ގުޅިގެން މިއަހަރު ހިންގިދާނެ މުހައްމު ހަރަކާތްތައް ކަމަށް ކައުންސިލުން ދެކޭ ކަންކަން ހުށަހަޅައިފަ އެވެ.
އެގޮތުން ކައުންސިލުން ހުށަހެޅި ބައެއް ކަންތައްތަކުގެ ތެރޭގައި މުޅި އަހަރަށް ބަހާލައިގެން ރަށް ސާފު ކުރުމުގެ ހަރަކާތްތައް ހިންގުމާއި، ރަށް ސާފު ތާހިރުކޮށް ބޭއްވުމުގެ މުހިއްމުކަމާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމް ހިންގުމާއި މި އަހަރަކީ ބައިނަލްއަގުވާމީ ފަރުތަކުގެ އަހަރުގެ ގޮތުގައި ފާހަގަ ކުރާ އަހަރަކަށްވާތީ ފަރު ސާފުކުރުމުގެ ހަރަކާތްތައް ހިންގުން ހިމެނެ އެވެ.
ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރު ފިލިޕް ކްލަވެރޮޓް ބުނީ ސީއެސްއާރުގެ ދަށުން އައްޑޫގެ މަންފާ އަށް ގިނަ ކަންކަން އެ ރިސޯޓުން ރާވަމުންގެންދާ ކަމަށެވެ. ވަކިން ހާއްސަކޮށް ކައުންސިލުން ފާހަގަ ކުރި ގޮތަށް ކުނީގެ މައްސަލައަކީ އައްޑު އަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމުން ސީއެސްއާރުގެ ދަށުން އެކަމަށް ހައްލެއް ހޯދުމަށް ހަރަކާތްތައް ހިންގުމަށް އެހީތެރިވާނެ ކަމެށް ބުންޏެވެ.
ޝަންގްރިއްލާ ރިސޯޓަކީ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކު ވެސް މިފަދަ އެކިއެކި ހަރަކާތްތައް ހިންގަމުން އަންނަ ރިސޯޓެކެވެ.