Last Updated: November 25, 17:58
Monday, November 25, 2024
ޚަބަރު

އިންޑިއަން ނޭވަލްގެ އެޑްމިރަލްގެ ޒިޔާރަތެއް އައްޑު އަށް

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއަން ސަދަން ނޭވަލް ކޮމާންޑްގެ ވައިސް އެޑްމިރަލް ސަތިޝް ސޯނީ އެމްއެންޑީއެފް ސަދަން އޭރިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި އެވެ.

މި މަހުގެ 10 ވަނަ ދުވަހު ވައިސް އެޑްމިރަލް ސަތިޝް ސޯނީ ގަމަށް ވަޑައިގަތުމުން، އެ މަނިކުފާނަށް ގަން އިންޓަނޭޝަނަލް އެއަޕޯޓުން މަރުޙަބާ ދެންނެވީ ސަދަން އޭރިއާގެ އެކްޓިން ކޮމާންޑަރު ކާނަލް ވައިސް ވަހީދާއި އެއަޕޯޓްގެ އިސްވެރިންނެވެ.

މި ދަތުރުފުޅުގައި ވައިސް އެޑްމިރަލް ސަދަން އޭރިއާ ހެޑް ކްއޯޓަޒް އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ، ސަދަން އޭރިއާގެ އެކްޓިން ކޮމާންޑަރު ކާނަލް ވައިސް ވަޙީދާއި، ޑެޕިއުޓީ ކޮމާންޑަރު މޭޖަ ޢަބްދުއްސަލާއި، ސިފައިންގެ އޮފިސަރުންނާއި ސަދަން އޭރިއާގެ އެކްޓިން ކޮމާންޑް ސާރޖަންޓް މޭޖަ އަދުނާން ޢަލީއެވެ.

ސަދަން އޭރިއާ ހެޑް ކްއޯޓަޒް އަށް ކުރެއްވި މިޒިޔާތުގައި ސަދަން އޭރިއާ އާ ބެހޭ ޕްރެޒެންޓޭޝަނެއް ވަނީ ވައިސް އެޑްމިރަލް އަށް ހުށަހަޅައި ދީފަ އެވެ. މީގެ އިތުރުން، ސަދަން އޭރިއާގެ ތަރައްޤީ އަށް ކުރަމުންދާ މަސައްކަތްތަކާއި އަދި އެމްއެންޑީއެފް ލެވެލްގައި ސަދަން އޭރީއާގެ ތަރައްޤީ އަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ވަނީ މައުލޫމާތު ޚިއްސާކޮށްފަ އެވެ.

ވައިސް އެޑްމިރަލް ސަތިޝް ސޯނީ އެމްއެންޑީއެފް ސަދަން އޭރިއާ އަށް ކުރެއްވި މި ދަތުރުފުޅުގައި އައްޑޫ ސިޓީ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށް ޒިޔާރަތް ކުރައްވައި އެ ސެންޓަރު ބައްލަވާލައްވައި، އިންޑިޔަން އައިސީޖީ ކޮންޓިންޖެންޓްގެ ބޭކަލުންނާއި ބައްދަލު ކުރައްވައި، އިކްއޭޓަ ވިލެޖުގައި އެ މަނިކުފާނުގެ ޝަރަފްގައި ތައްޔާރުކޮށްފައިވާ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައި ވެ އެވެ. އަދި ގަމުގައި ހުންނަ ވޯ މެމޯރިއަލް އަށް ވަޑައިގެން އިޙްތިރާމް އަދާ ކުރައްވާފައި ވެ އެވެ.

މި ދަތުރުޅުގައި ސަދަން އޭރިއާގެ ފަރާތުން ވައިސް އެޑްމިރަލްގެ ޝަރަފްގައި ވަނީ ޚާއްޞަ ޑިނައެއް ވެސް ބާއްވާފަ އެވެ. މި ޑިނަގައި ސަދަން އޭރިއާގެ އެކްޓިން ކޮމާންޑަރާއި، ޑެޕިއުޓީ ކޮމާންޑަރާއި، އައިސީޖީ ކޮންޓިންޖެންޓްގެ އޮފިސަރުންނާއި އަދި ސަދަން އޭރިއާގެ ސްޓާފް އޮފިސަރުންވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ދެ ދުވަހުގެ މުއްދަތަށް ވައިސް އެޑްމިރަލް ސަތިޝް ސޯނީ އެމްއެންޑީއެފް ސަދަން އޭރިއާއަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ބުރާސްފަތި ދުވަހު ހެނދުނު މާލެ ވަޑައިގެންފަ އެވެ.