އައްޑޫގައި އެކްސިޑެންޓްތައް ގިނަވާ މައްސަލަ އާއި ގުޅިގެން ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް އަދި ޓްރާންސްޕޯޓް އޮތޯރިޓީން އަބަދުވެސް މަޝްވަރާތައް ބާއްވައެވެ. މަޝްވަރާތަކުން މުހިއްމު ނިންމުންތައް ނިންމައެވެ. ރައްޔިތުންގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިއްބައިދޭ ފަދަ ވާހަކަތައް ވެސް ހާމަކުރެއެވެ.
އެހެން ނަމަވެސް އެ މަޝްވަރާތަކުގައި ނިންމާ އެއްވެސް ކަމެއް އެންމެ ފުރިހަމައަށް ތަންފީޒެއް ނުކުރެވެއެވެ. ލިންކް ރޯޑުގައި 60 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވުމަށް ޚާއްސަ ސަރަހައްދުގައި ހެލްމެޓް އަޅައިގެން ދުއްވަން ޖެހޭ ގޮތަށް ހަމަޖެއްސީ ވެސް އެފަދަ މަޝްވަރާތަކަށް ފަހުގައެވެ.
އެހެން ނަމަވެސް އެކަން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރެވޭ ހެއްޔެވެ؟ ހެލްމެޓް ނާޅައި ދުއްވުން އެއީ މިހާރު ވަރަށް އާއްމު ކަމެކެވެ. އެހެން ނަމަވެސް އެކަން ހުއްޓުވުމަށް އައްޑޫގައި މަސައްކަތް ކުރާ ފުލުހުންނަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވެއެވެ.
ލިންކް ރޯޑުގައި އެކްސިޑެންޓްތައް ގިނަވުމާއި އެކު އަބަދުވެސް އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ހުންނަ 2 ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުން އޮފް ޑިއުޓީ ގަޑީގައި ނެރެގެން ޕެޓްރޯލްކުރެއެވެ. އެހެން ނަމަވެސް ދުވަސްކޮޅަކަށް ފަހު އެ އޮޕަރޭޝަންތައް ހުއްޓާލައެވެ.
އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންގެ އިސް ބޭފުޅަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނިގޮތުގައި ޓްރެފިކް ޤަވާއިދުތަކާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިިޔަވަޅު ނޭޅެނީ އެ ކެޕޭސިޓީ ނެތުމުން ކަމަށެވެ.
"ޓްރެފިކަށް ޚާއްސް ފުލުހުން ނެތުން މައްސަލައަކީ، ރަށުތެރެ ބެލެހެއްޓުމާއި ފުލުހުންގެ ހުރިހާ ކަމެއް ކުރަން ތިބޭ ކުދިން(ފުލުހުން) ނެރެން ޖެހެނީ ޓްރެފިކް އޮޕަރޭޝަންތަކަށް ވެސް. ގަވާއިދާއި ޚިލާފަށް ބާރަށް ދުއްވާ ފަރާތްތައް ހުއްޓުވޭނީ ޓްރެފިކަށް ޚާއްސަ ފުލުހުން ތިބެގެން." އޭނާ ބުންޏެވެ.
2 ފަހަރު މަތިން އައްޑޫގައި ޓްރެފިކް ފުލުހުންގެ ޚިދުމަތް އިފްތިތާޙް ކުރި ނަމަވެސް އެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވެއެވެ. އައްޑޫގައި ފުލުހުން ހިންގާ ޓްރެފިކް އޮޕަރޭޝަންތަކުގައި މައިގަނޑު ގޮތެއްގައި ބަލަނީ ލައިސަންސް އާއި ފީތައް ހަމައަށް ދައްކާފައިވޭތޯއެވެ.
މީގެ ކުރިން ފުލުހުން އައްޑޫގައި ސްޕީޑް ބަލާ އާލާތްތައް ގެންގުޅުނެވެ. އެހެން ނަމަވެސް މިހާރު އެފަދަ އެއްވެސް އެއްޗެއް ގެންގުޅޭ ތަނެއް ނުފެނެއެވެ.
ލިންކް ރޯޑުގައި މިހާތަނަށް ހިނގާފައިވާ ގިނަ އެކްސިޑެންޓްތަކަކީ، ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓްތައް ކަން ފުލުހުންގެ ރިކޯޑުތަކުން އެނގެއެވެ. އެހެނަސް އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާތަނެއް ނުފެނެއެވެ.
ކޮންމެ ފަހަރަކު ވެސް އެކްސިޑެންޓްތައް އިތުރުވުމާއި އެކު މަޝްވަރާތައް ބާއްވައެވެ. ފިނިކޮޓަރީގައި ތިއްބަވައިގެން ހުރިހާ ކަމެއްގެ ޙައްލު އެބޭފުޅުން ވިދާޅުވެއެވެ. އެހެން ނަމަވެސް އެކަމަށް ޢަމަލީ މަސައްކަތެއް ނުކުރެވެއެވެ.
ލިންކް ރޯޑުގައި ބާރު ސްޕީޑްގައި ދުއްވުމާއި ރޭސް ޖެހުން ފަދަ ކަންތައް ނުހުއްޓުވިގެން އުޅެނީ ޤާނޫނު ތަންފީޒު ނުކުރެވޭތީއެވެ. އެހެންކަމުން ފިނިކޮޓަރީގައި ކުރާ މަޝްވަރާތަކަށް ވުރެ މުހިއްމީ ޤާނޫނު ތަންފީޒު ކުރުމެވެ. ކިތަންމެ މަޝްވަރާއެއް ކުރިއަސް ޤާނޫނު ތަންފީޒު ނުކުރެވޭ ނަމަ އެއީ ބޭކާރު ކަމެކެވެ.