Last Updated: February 24, 14:33
Monday, February 24, 2025
ޚަބަރު

ކުރީގެ މެމްބަރު އީސަ ދޫކޮށްލައިފި

އިއްޔެ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު އިތުރު ނުކޮށް ދޫކޮށްލައިފި އެވެ.

ސަރުކާރާ ދެކޮޅަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ސިލްސިލާ ކުރަމުން އަންނަ މުޒާހަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ އީސަ ހައްޔަރުކުރީ ސަރުކާރު ވައްޓާލަން ރާވާ ކަމުގެ ތުހުމަތުގައި ކަމަށް ވަނީ އެނގިފަ އެވެ.

ރޭގެ މުޒާހަރާއިން ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސް ވަލީދާ ވަލީދު ކޯޓަށް ހާޒިރު ކުރުމުން މިއަދު ވަނީ ފަސް ދުވަހަށް ގޭބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފަ އެވެ.

މަޖީދީމަގުގައި ސަރުކާރާ ދެކޮޅަށް ރޭ ކުރި މުޒާހަރާއާ ގުޅިގެން 23 މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. އެމީހުންގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމުގެ ތުހުމަތެވެ. އޭގެ ތެރޭގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ފުލުހުން ބުނީ "ސަރުކާރު ވައްޓާލުމަށް" މަޖީދީ މަގަށް އެއްވާ މީހުން، އާންމުންނަށް އުނދަގޫވާ ގޮތަށާއި ވިޔަފާރި ކުރުމަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ. ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ގާނޫނާ ހިލާފަށް ކުރާ މުޒާހަރާތަކުގައި ބައިވެރިނުވާން ފުލުހުން އިލްތިމާސް ކުރެ އެވެ.

ފުލުހުން މިހެން ބުނި ކަމުގައިވިޔަސް، އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން އަންނަނީ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގައި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ރައްޔިތުން ބޭނުން ކުރަނީ ގާނޫނުއަސާސީން ލިބިދީފައިވާ ބާރު ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.