Last Updated: November 25, 17:58
Monday, November 25, 2024

(އެޕްރީލް 12، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ސާރާ މޫނުގައި ދެ އަތް އެޅުމަށް ފަހު ހިމޭން އަޑަކުން ރޯން ފެށިއެ ވެ. ގޭގެ އެހެން ފަރުދުންނަށް އަޑު އިއްވަން އޭނާ ބޭނުން ނުވާ ކަހަލަ އެވެ. ސާރާގެ ހާލަތު ފެނިފައި ސޫރަޖްގެ ލޯ ވެސް ކަރުނައިން ތެމުނެވެ.

"ބޮޑުދައިތާ މިތާ އެބަ އިނިންތަ؟" އެކި ދިމަދިމާ އަށް އަތް ހޫރާލަމުން ސާރާ ބުނެލި އެވެ.

"އާނ… ދަރިފުޅާ…އެބަ އިނިން." ރޮމުން ކަހަލަ ގޮތަކަށް މަރިޔަންފުޅު ބުނެލި އެވެ.

"ބޮޑުދައިތަ ނުރޮއި. ސާރާގެ ހާލާ މެދު ނުރޮއި." ސާރާ މަރިޔަންފުޅަށް ހިތްވަރު ދޭން ފޭށި އެވެ.

"ބޮޑުދައިތާ… ސާރާ އަދި ކިޔަވާނަން. މޮޅު ކުއްޖަކަށް ވެސް ވާނަން. ޕާކަށް ވެސް ދާނަން. އަދި މާ ވެސް ބިންނާނަން. ބޮޑުދައިތާ… ސާރާ ވަރަށް ރީތިތަ؟ މިހާރު ސާރާ ލައިގެން މި އިނީ ކޮން ލައެއްގެ ހެދުމެއް؟" ސާރާ ފިސްވެފައިވާ އަޑަކުން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

ސާރާގެ އެއިން ކޮންމެ ޖުމްލައެއްގައިމެ ވޭނާއި އަސަރު އެކުލެވިފައި ވެ އެވެ. މަރިޔަންފުޅު މަޑުމަޑުން ސާރާގެ ބުރަކަށީގައި ފިރުމާލި އެވެ

"ދަރިފުޅާ… ދަރިފުޅު ތީ މިސާލެއް ނެތް ފަދަ ރީތި ކުއްޖެެއް. ދަރިފުޅު މިހާރު ލައިގެން ތި އިނީ މަޑު ފިޔާތޮށި ކުލައިގެ ނިދާ ހެދުމެއް. ދެން މާ ގިނައިން ނުވިސްނާ ނިދަން އޮށޯވޭ."

"ބޮޑުދައިތާ… ސާރާ ލަވަ ކިޔަން ދަސް ކުރަން ބޭނުން ވާހަކަ މަންމަ ކައިރީ ބުނައްޗޭ." ސާރާ އޭނާގެ ހިތުގައިވާ ދެވަނަ އެދުމުގެ ވާހަކަ ބުނެލި އެވެ. ލޮލަށް ނުފެނުނަސް ލަވަ ކިއިދާނެތާ އެވެ.

"ޔަގީންތާ… ތިޔަ ކަންތަކުގައި މަ ވެސް ދަރިފުޅާ ބައިވެރިވާނަން." މިހެ ންބުނަމުން މަރިޔަންފުޅު ސާރާ ރީތިކޮށް އެނދުގައި ބާއްވާލަ ދިނެވެ. އަދި ރަޖާގަނޑު އަޅާދީފައި ދޮރާ ދިމާ އަށް ހިނގައިގަތެވެ. އެވަގުތު އަނެއްކާވެސް ސާރާ ގޮވާލި އެވެ.

"ބޮޑުދައިތާ… މާދަމާ އަޅުގަނޑު އިރު އަރާ މަންޒަރު އިހްސާސް ކުރަން ދާން ބޭނުން. އެ ގަޑި ޖެހުނީމާ މި ގެއަށް އަންނާތި އިނގޭ."

"ގައިމުތާ…އަންނާނަން. ހިތްހަމަޖައްސާލައިގެން ނިދާލާ."

ސޫރަޖް އަވަސް އަވަހަށް ދޮރު ކައިރީ ނިވާވެލި އެވެ. އެ ވަގުތު މަރިޔަންފުޅަށް ފެންނަން ބޭނުން ނުވާތީ އެވެ.

އެ ގެއިން ނިކުމެގެން އެރޭ ސޫރަޖް ދިޔައީ ހަލާކުވެފައިވާ ހިތަކާއިގެންނެވެ. އެހެނަސް މާދަމާ އިރުއަރާ މަންޒަރު ސާރާ އަށް ސިފަކޮށް ދޭން ހިތާހިތުން ވައުދުވެގެންނެވެ. އާއެނކެވެ. މާދަމާ އެ ގެ އަށް އަންނަން ނިންމައިގެންނެވެ.

މުދިންބެ ބަންގި ދިން އަޑަށް ސޫރަޖް ހަތަރެސްފައި ކޮޅަށް ޖެހިގެން ގޮސް ހޭލެވިއްޖެ އެވެ. އަދި އަވަސް އަވަހަށް ފާހާނާ އަށް ވަނެވެ. އެހެން ދުވަހު މުދިންބެ ފަތިހު ބަންގި ގޮވާލާ އަޑު އިވޭތީ ބޮލުގަ އާއި މޫނުގައި ބާލީސް އަޅާ ފޮރުވައި ނިދަން އުނދަގޫ ވެޔޭ ކިޔާ އެތައް އެއްޗެއް މުދިންބެޔާ ދިމާ އަށް ކިޔާ ސޫރަޖް އަށް މުދިންބެގެ ބަންގީގެ އަޑުވެ ސް މިވީ ލިބުނު އަނީމާއަކަށެވެ.

ހޭލެވުނު ކަމަށްޓަކައި އުފަލުން ތައްޔާރު ވެލައިގެން އަވަހަށް ސާރާ މެންގެޔާ ދިމާ އަށް އޭނާ މިސްރާބު ޖަހާލި އެވެ. މި ފަހަރު ދިމާވީ ވަރަށް ނަސީބު ދެރަ ގޮތަކަށެވެ. މަރިޔަންފުޅު ސާރާ އާ އެކު މަޑުމަޑުން ހިނގާލާފައި މޫދާ ދިމާއަށް މިހިރަގެން ދަނީ އެވެ.

ނަސީބު ރަނގަޅުކަމުން ސޫރަޖް ހުރީ ތަންކޮޅެއް ދުރުގައި ކަމުން އެ މީހުންނަށް އޭނާއެއް ނުފެނުނެވެ. ސޫރަޖް މާ ނޫން ކަމަށް ހަދާލާފައި ގޮސް އެންމެ ކުރިން ބެންޗުގައި އިށީނދެގެން އެބަ އިނެވެ.

"ސާރާ…ދަރިފުޅާ…ކަންތަކުގައި މާޔޫސްވުމަކީ މާ ރަނގަޅު ކަމެއް ނޫން ދޯ؟. ދަރިފުޅުހާ ރީތި ކުއްޖަކު މަދުން ނޫނީ ނުފެންނާނެ."
މަރިޔަޔަންފުޅު ސާރާ އަށް ތައުރީފު ކުރަމުން ދިޔަ އެވެ.

ތިކަމުގައި އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ހިތާހިތާ ސާރާ ކިޔާލި އެވެ. ނަމަވެސް އަނގަޔަކުން ނުބުންޏެވެ.

މަރިޔަންފުޅު ސާރާ އަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. ސާރާ އެއް މިޔަކަނުން ހިނިތުންވެލައިގެން އަނގައިން ވެސް ނުބުނެ އިނެވެ.

"ދަރިފުޅު ވާހަކަ ނުދައްކާ ނަމަ ބޮޑުދައިތަ ހާދަ ހާސްވެޔޭ… ވާހަކަ ދައްކަބަލަ." ކުޑަކޮށް ނުރުހުންވެފައި ކަމަށް ހަދާލާފައި މަރިޔަންފުޅު ބުނެލި އެވެ.

"ބޮޑުދައިތަ އަދިވެސް ބޮޑެއްނުވާހެން ސާރާ އަށް ހީވަނީ." ސާރާވެސް ހިނިގަނޑެއްޖަހާލާފައި މަރިޔަންފުޅަށް ޖަވާބު ދިނެވެ.

"ސާރާ އިހްސާސް ކުރަން އައީ އިރުއަރާ މަންޒަރު ދެން ކިހިނެއް ތި ހުރިހާ ވާހަކަޔަކާ މެދު ވިސްނާނީ؟" ސާރާ މިހެން ބުނެލާފައި ފުންކޮށް ނޭވާއެއްލި އެވެ.

"ސޫރަޖް…ދަރިފުޅާ…ސޫރަޖް" މަރިޔަންފުޅު ދުރުގައި ކަނޑުގެ ސަތަހައަށް ބަލަން އިން ސޫރަޖަށް ގޮވާލި އެވެ.

"ބޮޑުދައިތާ… ސޫރަޖް ބޭބެ މި އިނީތަ؟" ސާރާ މަރިޔަންފުޅުގެ އަތުގައި ބާރަށް ހިފާލަމުން މަޑުމަޑުން ބުނެލި އެވެ.
ސާރާ އަށްވީ ގޮތާ މަރިޔަންފުޅު ގާތު ކޮންމެވެސް އެއްޗެކޭ ބުނެލިތަން ސޫރަޖަށް ފެނުނެވެ.

ސޫރަޖްގެ ހިތް މިލާމޯޅިވި އެވެ. ސޫރަޖަށް ހީވީ ސާރާ ސޫރަޖް އެތަނުން ފެނުނީމާ ނުގަބޫލު ވީހެންނެވެ. އޭނާ އެ ވަގުތު ތެދުވި އެވެ. ދާން ހިނގައިގަތެވެ.

"ބަލަ މިހާރު އެ ކޮއި ދަނީތަ؟" ހައިރާންކަން އެކުލެވިފައިވާ އަޑަކުން މަރިޔަންފުޅު އަހާލި އެވެ.

"އާނ… ކުޑައިރުކޮޅެއްވެއްޖެ މި ތަނުގަ އިންނަތާ ވެސް." ސާރާ އާ ދިމާ އަށް މައުނަވީ ގޮތަކަށް ބަލާލަމުން ސޫރަޖް ބުނެލި އެވެ.

ސޫރަޖްގެ މިބެ ލުން ކިތަންމެ ރީތިކޮށް ވެސް މުސްކުޅި މަރިޔަންފުޅަށް އެނގުނެވެ.

އަހަރެން ނުދާގަލެއްގެ ދަށުން ކަލޭމެން ކުދިންނަކަށް ނުދެވޭނެޔޭ ބުނާ އުސޫލުން މަރިޔަންފުޅު ސޫރަޖަށް ބަލާލި އެވެ. އަދި އަވަސް އަވަހަށް ބުނަން ފެށި އެވެ.

"ހޫނ.. އަހަރެމެން އަންނަ އިރަށް ދިޔައިމަ ރަނގަޅުވާނެތަ؟ ގައިމު ގެ އަށް ގޮސް ސާރާ ވެސް ގޮވައިގެން އައި ނަމަ އަހަރެން ނައިސް ވީ ނޫންތަ؟" މަރިޔަންފުޅު މިހެން ބުނާ އިރަށް ސާރާ މަރިޔަންފުޅުގެ އަތުން ދޫކޮށްލި އެވެ.

"މިހާރު އަޅުގަނޑު ގެނައުން ވެސް ބޮޑުދައިތަ އަށް ބޮޑު ކަމަކަށް ވީދޯ؟" ސާރާ ނުރުހުން ވެފައިފައިވާ ގޮތް ދައްކާލަމުން ބުނެލި އެވެ.

"ތައުބާ… ދަރިފުޅާ… ތި ކަހަލަ ވާހަކަ ނުދައްކާ… ބޮޑުދައިތަ މި އައީ ހަމަ އަންނަ ހިތުން. މި ސޫރަޖް ފެނުމުން ބޮޑުދައިތަ ސަމާސައެއް ކޮއްލީ."

"ސާރާ އަންނަ ހިތްވާކަން އެނގޭ ނަމަ ކޮން މެދުވަހަކު ގެންނާނަން. އަސްލު އަހަރެން ކޮން މެދުވަހަކު މި ތަނަށް އަންނަން." ސޫރަޖްގެ މި ޖުމްލަ އިން ސާރާގެ ހިތް ތެޅިލި އެވެ.

(ނުނިމޭ)