އައްޑޫ ސިޓީ ކައުންސިލުން ޤަވާއިދާ ހިލާފަށް އައްޔަން ކޮށްފައިވާ އަވަށު ބޯޑާއި ޓައުން ބޯޑަށް 2 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ މާޗް މަހުތެރޭ ކައުންސިލުން ވަނީ މި ބޯޑުތައް އުފައްދައި، ބޯޑު ތަކަށް ސިޔާސީ މުވައްޒަފުންތަކެއް އައްޔަންކޮށް އެ މީހުންނަށް ޙަރަދު ކޮށްފައެވެ. އަދި މިއަދާ ހަމައަށް އައްޑޫގެ އެކި އަވަށް ތަކުގައި އުފައްދާފައިވާ ހަތަރު ބޯޑަށް 9 މީހަކު އައްޔަން ކޮށް އެ މީހުނަށް ވަނީ ޤަވާއިދާއި ހިލާފަށް މި ފައިސާ ދީފަ އެވެ.
މި މައްސަލަ ވަނީ އެންޓި- ކޮރަޕްޝަން (އޭސީސީ) އިން ބަލައި މި ބޯޑުތައް އުވާލުމަށް ސިޓީ ކައުންސިލަށް އަންގާފަ އެވެ. އެގޮތުން ޖުލައި 12، 2012 ގައި އޭސީސީގެ މެމްބަރު އަބްދުﷲ ހިލްމީ ސޮއި ކޮށް އައްޑޫ ސިޓީ މޭޔަރު އަބުދުﷲ ސޯދިގް (ސޯބެ) އަށް ފޮނުވާފައިވާ ސިޓީގައި އަވަށު ބޯޑުތަކަށް ރައީސުންނާއި ނައީބު ރައީސުންގެ މަޤާމްތައް އުފައްދައި، އެ މަޤާމުތަކަށް މީހުން އައްޔަންކޮށް ފައިވަނީ ލާމަރުކަޒީ ޤާނޫނާ ހިލާފަށް ކަމުގައި ބުނެފައިވެ އެވެ. އަދި އެ މަޤާމު ތަކަށް އައްޔަންކޮށްފައިވާ މީހުން އެ މަޤާމުތަކުން ވަކިކޮށް ފިޔަވަޅު އެޅުމަށް ވެސް އެ ސިޓީގައި މޭޔަރަށް އަންގާފައި ވެއެވެ.
ނަމަވެސް މިހާތަނަށް ކައުންސިލުން މިކަމަށް ފިޔަވަޅެއް އަޅާފައި ނުވެއެވެ. އެންޓި ކޮރަޕްޝަންގެ ބަޔާނުގައި އަވަށު ބޯޑުތައް އުފައްދާފައިވާ ގޮތާއި އެކަމަށް ޙަރަދުކޮށްފައިވާ ގޮތަށް ގާނޫނީ ގޮތުން ވަނީ ބަލާފައެވެ. އެގޮތުން އެކޮމިޝަނުން ޖުމްލަ 7 ކަމެއް ފާހަގަކޮށްފައި ވެއެވެ.
މިގޮތުން، އެންމެ ފުރަތަމަ ވަގުތީ ރައީސުންނާއި ނައީބު ރައީސުން އައްޔަން ކޮށްފައިވަނީ 1 މާރޗް 2011 ގައި ކަމަށް ފެންނަން ހުރި ބައެއް ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭސީސީގެ ރިޕޯޓުގައި ވެއެވެ. އަދި އެކަމަކީ ކައުންސިލް ގެ ނިންމުމަކުން ކުރެވުނު ކަމެއް ކަމަށް ވެސް ލިޔެކިޔުންތަކުން ދޭހަވެ އެވެ.
ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ކަހަލަ ޤަރާރެއް، ނިންމި ނިންމުމެއް އަދި ޔައުމިއްޔާއެއް އޭސީސީ އަކަށް ފެނިފައެއް ނުވެއެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމުގެ ޤާނޫނުގައި ވާގޮތުން، ކައުންސިލްގެ އެއްވެސް ނިންމުމެއް ނޫނީ ޤަރާރެއް ސައްހަ ވާނީ، އެ ޤަރާރެެއް އާންމު ކުރުމުންނެވެ.
ޖޫން 1، 2011 ގައި ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އަވަށު ބޯރޑުގެ ވަގުތީ މެމްބަރުންގެ މުސާރަ ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށް ޤަރާރެއް ފާސްކޮށްފައެވެ. މި ޤަރާރުގައި ވާގޮތުން، ހުރިހާ މެމްބަރުންނަށް މުސާރައިގެ ގޮތުގައި 10000 (ދިހަ ހާސް) ރުފިޔާ ލިބެ އެވެ. އަދި އެލަވަންސް ގެ ގޮތުގައި 2000ރ. ލިބެ އެވެ.
މީގެ އިތުރުން އަވަށު ބޯރޑުގެ ރައީސަށް ފޯން އެލެވެންސްގެ ގޮތުގައި 500ރ. ލިބެ އެވެ. އަދި މި ޤަރާރުގައި ވާގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އިން މުސާރައަށް ވާ ފައިސާ ހަމަޖެހެންދެން، މި މެމްބަރުންގެ މުސާރަ ދޭނީ "ކައުންސިލް ޙަރަދު 2" މި އެކައުންޓުން ފައިސާ ނަގާފަ އެވެ. އަދި ލިބުނު ދުވަހަކުން އެ ފައިސާ އަލުން އެ އެކައުންޓަށް ޖަމާކުރަން ނިންމުމަށްވެސް ވަނީ ހަމަޖައްސާފަ އެވެ.
ޤާނޫނު ނަމްބަރު 7/2010 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" ގެ އެއްވެސް މާއްދާއެއްގައި، ސިޓީ ކައުންސިލަކަށް އަވަށު ބޯޑެއް އުފެއްދިދާނެ ކަމަށް، އަދި އެއްވެސް މަޤާމަކަށް މީހަކު ލެވިދާނެ ކަމަށް ބަޔާންކޮށްފައި ނުވެއެވެ. އަދި "އަވަށު ބޯޑު" މި އިބާރާތް އައިސްފައިވަނީ ޤާނޫނުގެ ފަސް ވަނަ ބާބު، "ސިޓީ ކައުންސިލް" މި ބާބުގެ 41 ވަނަ މާއްދާ "ސިޓީ ކައުންސިލްގެ ބާރުތަށް" (ށ) ގައެވެ.
އެ މާއްދާގައި ވަނީ " ސިޓީގައި ނުވަތަ ސިޓީގައި ހިމެނޭ އަވަށް އަވަށުގެެ އަވަށު ބޯޑުން، ރައްޔިތުންގެ ބައިވެރިވުމާއި އެކު ތައްޔާރުކޮށް، ސިޓީ ކައުންސިލަށް ހުށަހަޅާ ތަރައްޤީގެ ޕްލޭންތަކުގެ މައްޗައް ބިނާކޮށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ސިޓީ ކައުންސިލްގެ މަޝްވަރާގެ މަތިން އެކަށައަޅަައި މުޅި ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތް ކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި ބަޖެޓު ތައްޔާރުކުރުމާއި ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުން" މިފަދައިންނެވެ.
ލާމަރުކަޒީ ޤާނޫނުގައި އަވަށު އޮފީސް ހެދުމުގެ އިހުތިޔާރު ސިޓީ ކައުންސިލަށް ދީފައި ވެއެވެ. މި އިޙްތިޔާރުގެ ދަށުން ކުރޭވޭ ކަމެއްކަމަށް އެ މާއްދާގައި ބުނަނީ، އަވަށު އޮފީސްތައް އެކުލެވިގެންވާ ގޮތާއި، އޮފީހުގެ މަސައްކަތްތަށް ކަނޑައެޅިދާނެ ކަމަށެވެ. ޤާނޫނުގެ 12 ވަނަ ބާބު "ކައުންސިލްތަކުގެ އިދާރާތަކާއި، ކައުންސިލްތައް ހިންގުމާ ބެހޭ އާންމު އުސޫލުތައް" މި ބާބުގެ 130 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން އަތޮޅު ކައުންސިލާއި، ރަށު ކައުންސިލާއި، ސިޓީ ކައުންސިލާއި، އަވަށު އޮފީހުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އުފައްދާ އިދާރާތަކުގެ މަޤާމުތައް ކަނޑައަޅައި އެ މަޤާމުތަކަށް މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ ކައުންސިލް ތަކުގެ މަޝްވަރާ އާއި އެކު ސިވިލް ސާރވިސް ކޮމިޝަނުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި "އަވަށު ބޯޑު" މި އިބާރާތް އައިސް ފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައެވެ. ޤާނޫނުގައި ވާ އަންހެނުންގެ ކޮމިޓީތައް އުފައްދައި މެމްބަރުން ހޮވާގޮތާއި އަވަށު އޮފީސްތައް އެކުލަވާލައި އެ އޮފީސްތަކަށް މުވައްޒަފުން ލައްވާނެ ގޮތް ބަޔާން ކޮށްފައިވާއިރު އަވަށު ބޯޑުތައް އުފައްދައި އެ ބޯޑަށް މެންބަރުން އައްޔަން ކުރާނެ ގޮތެއް ބަޔާންކޮށްފައެއް ނުވެއެވެ. ޤާނޫނުގައި ނުހިމެނޭ ކަމެއް ދިމާ ވެއްޖެނަމަ އެކަމުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ލޯކަލް ގަވާރމެންޓް އޮތޯރިޓީ އަށް ކަމަށް ޤާނުނުގެ 149 މާއްދާގައި ބުނެފައި ވެއެވެ. ލޯކަލް ގަވަރމެންޓް އޮތޯރިޓީ އިން ބުނެފައިވާ ގޮތުގައި، އަވަށު ބޯރޑު ހެދުމަކަށް އަދި ވަކި ގޮތެއް ނިމިފައެއް ނުވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން ގެ ރިޕޯޓުން އެނގޭ ގޮތުގައި، އެއްވެސް ގޮތަކަށް އަވަށު ބޯޑު ހެދުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ އަކުން އައްޑޫސިޓީ ކައުންސިލަށް ހުއްދަ ދީފައި ނުވެއެވެ. ނަމަވެސް އައްޑޫސިޓީ ކައުންސިލުން ވަނީ ޤާނޫނުތަކާއި ޤަވާއިދު ތަކުގެ ބޭރުން އަވަށު ބޯޑެއް އުފައްދާފައެވެ. ވަގުތުން ވަގުތަށް އަވަށު ބޯޑު އުވާލުމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން އިން އަންގާފައި ވީނަމަވެސް، އެކަން އަދިވެސް ކޮށްފައެއް ނުވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން، ކޮމިޝަނަށް ހާޞިރުވުމަށް، ނުވަތަ މަޢުލޫމާތު ދިނުމަށް، ނުވަތަ ލިޔުމެއް ހުށަހެޅުމަށް ނުވަތަ ކޮމިޝަނުން އުފުލަންޖެހޭ މަސްއޫލިއްޔަތަކާ ގުޅިގެން ކޮމިޝަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް ޢަމަލުކުރުމަކީ، ދިވެހި ރައްްޔިތުންގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ މީހުންގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި މި ގޮތަށް އަމަލު ނުކޮށްފިނަމަ އެ މީހެއްގެ އަދަބަކީ 1 މަސް ދުވަހަށް ޖަލަށްލުން، ނުވަތަ 3 މަސް ދުވަހަށް ގޭގައި ބަންދު ކުރުން، ނުވަތަ 3000 ރުފިޔާއިން ޖުރިމާނާ ކުރުމެވެ.
ދާދި ފަހުން މޭޔަރު މީޑިއާ އަކަށް ދިން އިންޓަވިއު އެއްގައި، ބުނެފައިވާގޮތުން އައްޑޫސިޓީ ކަައުންސިލް ވަނީ 12 މިލިއަން ރުފިޔާއިން ދަރާފައެވެ. ނަމަވެސް އަދިވެސް ޤާނޫނާއި ހިލާފަށް ބޭކާރު ޙަރަދުތަށް ކުރަމުން ދާކަން ފާހަގަ ކުރެވެއެވެ. އަވަށު ބޯރޑުތަކުގެ މެންބަރުންގެ މުސާރާއިގެ އިތުރުން، ދާދިފަހުން އައްޑޫސިޓީ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާއަށްވެސް ޤަވާއިދާ ޙިލާފަށް އިތުރު ގަޑީގެ ފައިސާ، ކައުންސިލުން ދޭ މައްސަލައެއް ވަނީ ފެންމަތި ވެފައެވެ.